ފީފާ ވޯލްޑް ކަޕްގައި މިރޭ ސްކޮޓްލޭންޑް 1-0 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު މޮރޮކޯއިން އާކޮށްފި އެވެ.
މޮރޮކޯ އަށް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މި ވަގުތު އޮތީ ގްރޫޕް ސީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ސްކޮޓްލެންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބްރެޒިލާއި ހަތަރެއްގައި އޮތް ހައިޓީ އަށް ވަނީ އެއް މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފަށައިގެން 70 ސިކުންތު ތެރޭގައި އިސްމާއިލް ސައިބާރީ ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން މޮރޮކޯއަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ވެސް އެޓީމުން ދިޔައީ ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސައިބާރީ އަދި މޮރޮކޯގެ ބްރަހީމް ޑިއާޒް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސްކޮޓްލޭންޑުން ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން ދިޔައީ ވަރަށް ގަދައަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސްކޮޓް މެކްޓޮމިނޭ ޖެހި ބޯޅައެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ލިންޑަން ޑައިކްސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.