ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަލްޖީރިޔާއާ ދެކޮޅަށް ކުޅެ 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި، މެސީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިއީ ހަ ވަނަ ވޯލްޑް ކަޕްގައި ކުޅޭ މެސީ މުބާރާތުގެ ތާރީހުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. މި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕްގައި 16 ގޯލު ޖަހައިފަ އެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސްޕެއިނުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޔަމާލް ބުނީ މެސީ ކުޅޭ ކޮންމެ މެޗަކުންވެސް ސާބިތުވަނީ އޭނާއަކީ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން ކަމަށެވެ. އަދި އެކަމާ މެދު އަދިވެސް މީހަކު ޝައްކު ކުރާނަމަ، އެއީ ހަމަ ގަސްތުގައި އެފަދަ ޝައްކެއް އުފައްދަން މަސައްކަތް ކުރާތީ އޮތް ޝައްކެއް ކަމަށް ޔަމާލް ބުންޏެވެ.
އެންމެފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ ދުނިޔޭގެ އެންމެ ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ "ބެލޮންޑިއޯ އެވޯޑް" 8 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.
ވޯލްޑް ކަޕްގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ބައްދަލުކޮށް އެއްވަރުވިއިރު، އެ މެޗުގައި ޔަމާލް ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޔަމާލް ބުނީ 90 މިނެޓް ކުޅެން މިއީ އަދި އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި ނަމަވެސް ކޯޗު ބޭނުންވާ ވަރަކަށް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. އަދި 90 މިނެޓް ނުކުޅެވުނު ނަމަވެސް ދަނޑުމަތީގައި ޓީމަށް އެހީތެރިވާން ބޭނުންވާ ކަމަށްވެސް ޔަމާލް ބުންޏެވެ.