ހެއިޓީގެ މައްޗަށް 3-0 އިން ކުރި ހޯދައި މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ބްރެޒިލް އިން ހޯދައިފި އެވެ.
މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ބްރެޒިލް އޮތީ ގްރޫޕް ސީގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ބްރެޒިލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްކޮޓްލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ހެއިޓީ އެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓްގައި މެތިއުސް ކުންޔާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފަ އެވެ. އަދި ބްރެޒިލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 36 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކުންޔާ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ވިނީޝަސް ޖޫނިއާ ދިން ބޯޅައެއް ހިފައިގެން ހެއިޓީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. މިއީ ލޫކަސް ޕަކޭޓާ ފަހަތުން ދިން ބޯޅައަކުން ހެއިޓީގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ބްރެޒިލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ބްރެޒިލުން ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ. ހެއިޓީ ބައްދަލުކުރާނީ މޮރޮކޯއާ އެވެ.