Last Updated: June 20, 22:28
Saturday, June 20, 2026
ރިޕޯޓް

އޮށޯވެގެން ޤުރްއާން ކިޔެވުމަކީ ކޮން ކަހަލަ ކަމެއް؟

އޮށޯވެ އޮވެ ޛިކުރު ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމަކީ ވެސް ހުއްދަ ކަމެކެވެ. އޭގެ ދަލީލަކީ އާލްޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތެވެ.

﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ﴾

މާނައީ: “އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެ ތިބެގެންނާއި، އޮށޯވެ ތިބެގެން، الله ހަނދުމަކޮށް، އުޅޭ މީހުންނެވެ.”

ޤުރްއާން ކިޔެވުމަކީ ހަނދުމަކުރުމުގެ (ޒިކުރުގެ) އެންމެ މަތިވެރި ބާވަތް ކަމަށްވާއިރު، މި އާޔަތުން އޮށޯވެގެން އޮވެ ކިޔެވުމުގެ ހުއްދަކަން އެނގެއެވެ.

އަދި ޞަޙީޙުލް ބުޚާރީ (7549) އަދި މުސްލިމް (301) ގައި ރަސޫލު الله ﷺ ޢާއިޝާ رضي الله عنها ގެ އުނގުފުޅުގައި އޮންނަވައިގެން ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ކަމުގައި އައިސްފައިވެއެވެ. ޢާއިޝާ ރަޟިޔަ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَتَّكِئُ فِي حِجْرِي وَأَنَا حَائِضٌ ثُمَّ يَقْرَأُ القُرْآنَ މާނައީ: “ހަމަކަށަވަރުން ކީރިތި ރަސޫލާ ތިމަންކަމަނާ ޙައިޟުވެރިވެގެން އިންނަވާއިރު، ތިމަންކަމަނާގެ އުނގުފުޅުގައި އޮށޯވެވަޑައިގެން އޮންނަވައި ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެއެވެ.”

އިމާމް ނަވަވީ ރަޙިމަހު “ޞަޙީޙު މުސްލިމްގެ ޝަރަޙަ” ގައި ބަޔާން ކުރައްވާފައިވެ އެވެ.

“އޮށޯވެ އޮވެގެންނާއި، އެއްޗަކަށް ލެނގިލައިގެން އިނދެ ކީރިތި ޤުރުއާން ކިޔެވުމަކީ ހުއްދަވެގެންވާ ކަމެއްކަން މީގެއިން އެނގިގެންދެ އެވެ.”

މި ޙަދީޘުން ވަރަށް ސާފުކޮށް އެނގެނީ އޮށޯވެ އޮވެގެން ޤުރްއާން ކިޔެވުމަކީ ކީރިތި ރަސޫލާ ކުރައްވާފައިވާ ކަމެއް ކަމެވެ.

އެހެންކަމުން، ބަލިވެގެންވިޔަސް ނުވަތަ ވަރުބަލިވެގެންވި ޔަސް ނުވަތަ ނިދަން އޮށޯވެ އޮވެގެން ވިޔަސް ޤުރްއާން ކިޔެވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. والله أعلم.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.