Last Updated: June 22, 06:17
Monday, June 22, 2026
ޚަބަރު

ވަތަނީ ހިދުމަތުގެ 3 ވަނަ ބެޗް ފަށައިފި

ވަތަނީ ހިދުމަތުގެ ތިން ވަނަ ބެޗްގެ ޓްރެއިނިންތައް ފަށައިފި އެވެ.

މި ބެޗް އިއްޔެ ޅ. މާފިލާފުށީގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

ފަނަރަ ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ބެޗްގައި 112 ރަށަކުން ޖުމްލަ 352 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމަށް 2024 ގައި ފެށި ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައި ދެ އެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެ އެވެ.