Last Updated: June 22, 06:17
Monday, June 22, 2026
ޚަބަރު

ސަމްޕާ އަށް އުޅަނދުތައް ރަޖިސްޓްރީވާން ހުޅުވާލައިފި

ދެކުނު އަރިގަނޑު މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ) ސަރަހައްދުގައި ޓޫރިސްޓުން ގޮވައިގެން ޑައިވް ކުރުމަށާއި ސްނޯކްލިން އަށް ބޭނުންކުރާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ހުޅުވާލައިފި އެވެ.

މި ނިންމުމަކީ ސަމްޕާ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

ސަމްޕާ ސަރަހައްދުގައި ޑައިވިން އާއި ސްނޯކްލިންގެ ހިދުމަތް ދޭ ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރަންޖެހެނީ ވަންގަވް ޕޯޓަލް one.gov.mv/submissions/67 މެދުވެރިކޮށެވެ.

އީއާރްއޭގައި އުޅަނދު ރަޖިސްޓްރީ ކުރުމުން، އެ އުޅަނދަކީ ތިމާވެއްޓާ ރައްޓެހި އަދި ގަވާއިދަށް ބޯލަނބާ "ފްރެންޑްލީ" އުޅަނދެއްކަން ދެނެގަތުމަށްޓަކައި، ސަމްޕާ ރޭންޖަރުންގެ ޓީމުން އެ އުޅަނދަކަށް ހާއްސަ ދިދައެއް ދޫކުރާނެ އެވެ. އަދި އެ ދިދައަކީ އެ ސަރަހައްދުގައި އުޅަނދު ހަރަކާތްތެރިވާއިރު ބޭނުން ކުރަން ޖެހޭ ފާހަގައެކެވެ.

މި ނިޒާމުގެ ސަބަބުން ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި ރޭންޖަރުންނަށް ފަސޭހަވެ، ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރު ދެނެގަތުމަށް މަގުފަހިވެގެން ދާނެ އެވެ.