ހުއްދަ ނެތި ލ. ފޮނަދޫގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ރުށްތަކެއް އުފުރައިގެންދާތީ އެ ރަށުގެ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ފޮނަދޫ ކައުންސިލުން ބުނެފައި ވަނީ މިކަން ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ނަގަންޖެހޭ ހުއްދަ ނުނަގައި ކަމަަށެވެ.
އެގޮތުން ފޮނަދޫގެ ދެ ސަރަހައްދަކުން މިހާތަނަށް 2،000 އެއްހާ ރުށް ވަނީ ނަގައިފަ އެވެ. މިހާރު ރުށްތައް ނަގަމުން ދަނީ ބަރާސިލު އަވަށުގެ ތާރު މަގާއި ގޮނޑުދޮށާ ދޭތެރޭގައި އޮންނަ ރުއްގަނޑަކުން ކަމަށް ލާމު އެމްވީން ރިޕޯޓްކޮށްފައިވެ އެވެ.

އެ ނޫހުން ބުނި ގޮތުގައި މިކަމާ ގުޅިގެން ރަށުގެ ރައްޔިތުންދެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
ރުއްތައް އުފުރާލައިގެން ރަށުން ބޭރުކުރަމުންދާ މައްސަލައިގައި ފޮނަދޫ ކައުންސިލް މެމްބަރު ޢާއިޝަތު އަޒީމާ ލާމު.އެމްވީ އަށް ވިދާޅުވެފައި ވަނީ ރުށްތައް ނަގަމުން ދަނީ ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވާ ބިމުންނެވެ.