Last Updated: June 20, 22:28
Saturday, June 20, 2026
ދުނިޔެ

ޑޮމިނިކަން ރިޕަބްލިކްގެ ރިސޯޓެއްގައި ރޯވެއްޖެ

ޑޮމިނިކަން ރިޕަބްލިކްގެ ރިސޯޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ރޯވެފައި ވަނީ ބަޔަހިބޭ ރިސޯޓްގެ އެވެ.

އެތަނުގައި ރޯވި ހާދިސާއާ ގުޅިގެން އެކަކު މަރުވެފައިވާ އިރު، ރިސޯޓުން ވަނީ 1،700 އެއްހާ ޓޫރިސްޓުން ސަލާމަތްކޮށްފަ އެވެ. މި ހާދިސާގައި މަރުވީ އިޓަލީ އަށް ނިސްބަތްވާ 46 އަހަރުގެ އަންހެނެކެވެ. އަދި ހާދިސާގައި އަނިޔާވި އިތުރު ބަޔަކަށް ފަރުވާ ދެމުންް އަންނަ އިރު، ރިސޯޓްގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މުޅި ރިސޯޓަށް އަލިފާން ފެތުރެން ދިމާވީ އެތަނުގެ ގިނަ ތަންތަން ފަނުން ހިޔާކޮށްފައި ހުރުމުން، އަލިފާން ފަސޭހައިން ހިފައިން ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މުޅި ރިސޯޓަށް އަލިފާން ފެތުރި، ބޯ ދުން އަރާ ތަން ވެސް ފެނެ އެވެ.

ނަމަވެސް ރިސޯޓްގައި ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ބަޔަހިބޭ އަކީ ވިންދަމް ހޮޓެލްސް އެންޑް ރިސޯޓްސް އިން އޮޕަރޭޓްކުރަމުން އަންނަ ތަނެކެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެެއް ނުވެ އެވެ.