ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ފުރި، ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރެވިގެން ގޮސްފައިވާއިރު، މިއީ މި ސިނާޢަތުގެ ކާމިޔާބީއާ މެދު ދިވެހިން ފަޚުރުވެރިވާ ވަގުތެއް ކަމުގައި ސަރުކާރުން ސިފަކުރެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ހަގީގީ މަންޒަރަށް ބަލާއިރު ކުރެވެނީ ތަފާތު ސުވާލުތަކެކެވެ. ފާއިތުވި ފަސްދޮޅަސް ފަސް އަހަރުގެ ތެރޭގައި ރިސޯޓް ދާއިރާއިން ދިވެހިންނަށް ލިބެންޖެހޭ ހައްގު މިންވަރު ލިބިފައިވޭ ހެއްޔެވެ؟ ދިވެހި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ހަގީގީ މަގުތަކެއް ކޮށައިދެވިފައިވޭ ހެއްޔެވެ؟ މިއީ ފުންކޮށް ވިސްނާލުން މުހިންމު ނުކުތާތަކެކެވެ.
ދިވެހިންގެ ވަސީލަތްތަކުން އުފައްދާ މަންފާގެ ބައިވެރިންނަށް ދިވެހިން ނުވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމުގައިވާ ބިމާއި، ކަނޑާއި، ޤުދުރަތީ ރީތި ތިމާވެށީގެ މައްޗަށެވެ. އެހެންނަމަވެސް، މި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ހިންގާ ބިޔަ ވިޔަފާރިތަކުން ލިބޭ މާލީ މަންފާ، ދިވެހި މުޖުތަމަޢަށް ފޯރަންޖެހޭ އެންމެ އެދެވޭ މިންވަރަކަށް ނުފޯރައެވެ.
ރިސޯޓުތަކުގެ އިސް މަގާމުތަކަށް ނަޒަރު ހިންގާލާއިރު، ޖެނެރަލް މެނޭޖަރުންނާއި، ފިނޭންޝަލް ކޮންޓްރޯލަރުން އަދި އެކި ދާއިރާތަކުގެ އިސްވެރިންގެ ގޮތުގައި ގިނައިން ފެންނަނީ ބިދޭސީން ހަރަކާތްތެރިވާތަނެވެ. ގިނަ ދިވެހިންނަށް ފުރުޞަތު އޮންނަނީ ނިސްބަތުން ދަށު ފަންތީގެ ވަޒީފާތަކުގައެވެ.
ކަންބޮޑުވާން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ، ދިވެހިންނަށް ފަސޭހަކަމާއެކު އަދާކުރެވޭނެ ފަންނީ ވަޒީފާތައް ވެސް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލެވިފައި އޮތުމެވެ. އެކައުންޓިންގ، ތިމާވެށީގެ ދިރާސާތައް، އަދި ތެރަޕިސްޓް ފަދަ ތަމްރީނާއި ތަޖުރިބާއާއެކު ދިވެހިންނަށް ކުރިއަށް ދެވޭނެ ދާއިރާތަކުން ދިވެހިންނަށް ޖާގަ ނުލިބެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ކަމާބެހޭ މުއައްސަސާތައް ބަލިކަށިކަމެވެ. ރިސޯޓް ހިންގާ ފަރާތްތަކަށް އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ފުރުޞަތު އޮންނަނީ، ކަމާބެހޭ މުއައްސަސާތަކުގެ ބެލެހެއްޓުން ހަރުދަނާ ނުވުމުގެ ސަބަބުންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ދިވެހި ޒުވާނުން ބައިނަލްއަގްވާމީ ފެންވަރުގައި މި ދާއިރާއަށް ތައްޔާރުކޮށްދޭނެ ފެންވަރު ރަނގަޅު ތަޢުލީމީ މުއައްސަސާއެއް ރާއްޖޭގައި ނެތުމަކީ ހިތާމަހުރި ކަމެކެވެ. މީގެ ކުރިން ހިންގި ހޮޓެލް ސްކޫލްގެ ޚިދުމަތް ވަނީ މެދުކެނޑިގެންގޮސްފައެވެ. އަދި މިހާރު ހުރި މަރުކަޒުތަކުން ދުނިޔޭގެ ފަސްތަރީގެ ރިސޯޓުތަކުގައި މަސައްކަތްކުރެވޭ ފަދަ މަތީ ފަންތީގެ ތަމްރީނުތައް ފޯރުކޮށް ނުދެވެއެވެ. އެގްޒެކެޓިވް ޝެފުންނާއި، ރެސްޓޯރެންޓް މެނޭޖަރުން ނުވަތަ ޕްރޮފެޝަނަލް ސްޕާ ތެރަޕިސްޓުންގެ ގޮތުގައި ދިވެހި ފަންނުވެރިން ބިނާކުރާނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިފައި ނެތުމަކީ، މި ސިނާޢަތުގެ ކުރިމަގަށް އޮތް ބޮޑު ހުރަހެކެވެ.
ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ނެތި ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ރިސޯޓްތަކުގެ މެނޭޖްމަންޓުން ދިވެހިންގެ ފެންވަރު ދަށްކަމަށް ބުނެ، ބޭރުގެ "ތަޖުރިބާކާރުން" ގެނައުމަކީ ދިވެހި ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ތަޖުރިބާ ހޯދޭނެ މަގުތައް ބަންދުކޮށް، ތަޖުރިބާ ނެތްކަމުގެ ބަހަނާ ދައްކައިގެން ދިވެހިން ވަޒީފާތަކުން ދުރުކުރުމަކީ އިންސާފުވެރި ގޮތެއް ހެއްޔެވެ؟ ހަގީގަތުގައި ތަޖުރިބާއަކީ މަސައްކަތުގެ މައިދާނުން ފުރުސަތު ދީގެން ނޫނީ ހޯދޭނެ އެއްޗެއް ނޫނެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ފެންނަ ބައެއް ތަފާތުކުރުންތަކަކީ ވެސް ވިސްނާލަން ޖެހޭ ހިތި ހަގީގަތްތަކެކެވެ. އާންމު ދިވެހި ރައްޔިތަކު އޮންލައިން ވިޔަފާރިއަކުން 25 ޑޮލަރުގެ މުއާމަލާތެއް ހިންގުމަށް ބޭންކުތަކުން ތަފާތު ހުރަސްތަކާއި ލިމިޓްތައް ކުރިމަތިކުރާއިރު، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ އިސްވެރިން މަހަކު އެތައް ހާސް ޑޮލަރެއް ގައުމުން ބޭރަށް ފޮނުވުމުގައި އެފަދަ އެއްވެސް ހުރަހެއް ނެތެވެ. މިއީ ގައުމުގެ ޑޮލަރު ރިޒާވް ހިމާޔަތްކުރުމުގެ ނަމުގައި ހަމައެކަނި ދިވެހި ރައްޔިތުންގެ މައްޗަށް ހިންގާ އުސޫލެއް ހެއްޔެވެ؟
ހިތާމައަކީ، ބައެއް ބިދޭސީން ދިވެހި ނިކަމެތި މަސައްކަތްތެރިންގެ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން ނުވަތަ "މިއުލްސް" މެދުވެރިކޮށް ގަވާއިދާ ހިލާފަށް ފައިސާ ބޭރުކުރަމުންދާ ކަމެވެ. މިފަދަ ނުރަނގަޅު ނިޒާމުތައް ހުއްޓުވުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކުން މިހާރަށްވުރެ ހޭލުންތެރިވާން ޖެހެއެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ވެސް މިފަދަ ބޮޑެތި މާލީ މުއާމަލާތްތައް މޮނިޓަރކޮށް، ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ތަންފީޒުކުރަން ޖެހެއެވެ.
މިއަދު ރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ބޭންކުތަކުން ޑޮލަރު ނުލިބުމުގެ ސަބަބުން، "ކަޅު ބާޒާރަށް" ބަރޯސާވާން ވަނީ މަޖުބޫރުވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރި
ސޯޓް ދާއިރާއިން ބޭރުވާ ޑޮލަރު ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިފެހެއްޓިއްޖެނަމަ، ގައުމުގެ ރިޒާވް ވަރުގަދަވެ، ދިވެހި ވިޔަފާރިވެރިންނަށް އޭގެ ފައިދާ ކުރާނެއެވެ. މި މައްސަލަތަކަށް އޮތް ހައްލަކީ ރިސޯޓް ދާއިރާގައި ދިވެހިންގެ ވަޒީފާގެ ހައްގުތައް ހިމާޔަތްކުރާ ގާނޫނުތައް ހަރުދަނާކޮށް، ފުރިހަމައަށް ތަންފީޒުކުރުމާއިއެކު، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓެލް ސްކޫލްތަކާއި ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމެވެ. އަދި ބިދޭސީން ގައުމުން ބޭރަށް ފޮނުވާ ފައިސާ މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް އެމް.އެމް.އޭ މެދުވެރިކޮށް ގާއިމުކުރުމެވެ.
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރިއިރު، މި ދާއިރާގެ ހަގީގީ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ނުލިބުމަކީ ހިތާމަހުރި ކަމެކެވެ. ދިވެހި ޒުވާނުން ބޭނުން ވަނީ ހަމަހަމަ ފުރުސަތާއި އިންސާފެވެ. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަމުގައި އިހުލާސްތެރިކަމާއެކު ތެދުވެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ، ދިވެހި ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައި ދެވޭނެ އެވެ.