Last Updated: June 20, 22:28
Saturday, June 20, 2026
ޚަބަރު

ފްލައިނާސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެއްކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓާ ސަލިއުޓަކާއެކުގައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ހާއްސަ މުނާސަބަތާ ގުޅިގެން، ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހާފައެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމަށް ބުނެފައިވެއެވެ.