Last Updated: June 21, 17:19
Sunday, June 21, 2026
ރިޕޯޓް

އިލްޙާދު އަކީ ކޮބާ؟

ބަހުގެ ގޮތުން ބަލާއިރު "އިލްޙާދު" މި ބަހުގެ މާނަ އަކީ ސީދާ މަގުން ކައްސާލުން ނުވަތަ މަޤްޞަދުން އެއްކިބާވުން ނުވަތަ ކަސިޔާރުވުމެވެ.

ޝަރުޢީ ނުވަތަ އިޞްޠިލާޙީ ގޮތުން އިލްޙާދަކީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް އިންކާރު ކުރުމެވެ.

މުލްޙިދުންނަކީ (Atheists) މާތް ވޮޑިގެންވާކަމަށް މުޅިން އިންކާރުކޮށް، އެއްވެސް ކަލަކު ނުވަތަ ޚާލިޤަކު ވާކަމަށް ގަބޫލު ނުކުރާ މީހުންނެވެ. ކަލަކު ވޮޑިގެންވާކަމާއި، އެކަލާނގެ އެއްކައުންވަންތަކަމާއި، ރުބޫބިއްޔަތާއި އުލޫހިއްޔަތަށް އީމާންވުމުން އެއްކިބާވެގަންނަ މީހުންނެވެ.

މިފަދަ މީހުން ދެކޭ ގޮތުގައި، މި ކާއިނާތަކީ އެއްވެސް ޚާލިޤަކާ ނުލައި އުފެދިފައިވާ އެއްޗެކެވެ. އަދި މާއްދާ އަކީ އަބަދަށް ދެމިގެންވާ (އަޒަލީ) އެއްޗެއް ކަމަށާއި، އަދި މާއްދާ އަކީ އުފެއްދި ފަރާތްވެސް އަދި އުފެއްދުން ވެސް ކަމަށް އެމީހުން ދަޢުވާކުރެ އެވެ. މި ސަބަބަށްޓަކައި، އެމީހުން ރަސޫލުންނަށް ކާފިރުވެ، ދީންތަކަކީ އިންސާނުން އަމިއްލައަށް ކަނޑައަޅާފައިވާ އެއްޗެއް ކަމަށް ބުނެއެވެ.
ޖުމްލަކޮށް ބަލާއިރު މުލްޙިދުން ނުވަތަ އެތީސްޓުން ދެ ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމަ ބަޔަކީ: މާތް ވޮޑިގެންވާކަމަށް އިންކާރުކޮށް، އެކަލާނގެ ވޮޑިގެންނުވާ ކަމަށް ގަބޫލުކުރާ މީހުންނެވެ. އާދެ! އެކަން ޔަގީންކޮށްގެން ތިބޭ މީހުންނެވެ.

ދެވަނަ ބަޔަކީ: "އެގްނޮސްޓިކްސް" (Agnostics) ނުވަތަ "ލާއަދްރިއްޔާ" އޭ ކިޔޭ މީހުންނެވެ.

މިއީ ރައްބު ވޮޑިގެންވާކަން ނުވަތަ ނޫންކަން، ތިމަންމެންނަކަށް ނޭނގެއޭ ބުނާ މީހުންނެވެ.

މި ދެ ބައިމީހުންގެ މެދުގައި އޮތް އެއްގޮތް ކަމަކީ، މާތް ވޮޑިގެންވާކަމަށް އީމާންނުވުމެވެ. ނަމަވެސް، ފުރަތަމަ ބައިގެ މީހުން އެކަމަށް އިންކާރު ކުރަނީ ކަނޑައެޅިގެން ޔަޤީންކަމާއެކު ބުނާ ބުނުމެއްގެ ގޮތުގަ އެވެ. އަދި ދެވަނަ ބައިގެ މީހުން ތިބީ އެކަމާ މެދު ޝައްކެއްގެ މަތީގައެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.