ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރި މީހަކު ވ. ކެޔޮދޫން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެ ރަަށު ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން، 25، އެވެ.
އޭނާ ހައްޔަރުކުރީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންނާއި ކަސްޓަމްސް ސާވިސް ގުޅިގެން މި މަހުގެ 18 ގަ އެވެ.
ފައުޒާން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.