Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ގިރިފުށީގެ ބިން ހިއްކަން ފަށައިފި

ކ. ގިރިފުށި ޓްރޭނިން ސެންޓަރުގެ ބިން ހިއްކުމާއި ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

މި ކަމަށްޓަކައި ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ މި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށްޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށްގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެ އެވެ.

މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުން ހިމެނެ އެވެ. ހަމައެއާއެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

މި ރަށް ވެގެންދާނީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށް ކަމަށާއި މި ތަނުގައި، ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.