Last Updated: June 21, 17:19
Sunday, June 21, 2026
ކުޅިވަރު

ސްވިޑެން އަތުން ނެދަލޭންޑްސްއަށް ބޮޑު މޮޅެއް

ސްވިޑެންގެ މައްޗަށް 5-1 އިން ކުރިހޯދައި ނެދަލެންޑްސް އިން މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސްވިޑެން އިން ފުރަތަމަ މެޗުގައި ވަނީ ބޮޑު ތަފާތަކުން، 5-1 އިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ. ނެދަލެންޑްސް އިން ފުރަތަމަ މެޗުގައި ޖަޕާނާއި ބައްދަލުކޮށްވީ 2-2 އިން އެއްވަރެވެ.
ސްވިޑެން އަތުން ހޯދި މޮޅާ އެކު، ނެދަލެންޑްސް އިން ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަަމަ 17 މިނިޓް ތެރޭ ބްރަޔަން ބްރޮބީ ވަނީ ދެ ލަނޑު ޖަހައިދީ ނެދަލެންޑްސް އަށް ރަނގަޅު ލީޑެއް ނަގައިދީފަ އެެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، މާ ލަސްތަކެއް ނުވެ، ނެދަލެންޑްސް އިން ތިން ވަނަ ގޯލެއް ކާމިޔާބުކުރި އެވެ. ޑަމްފްރީސް ނަގައިދިން ބޯޅަ އަކަށް އަރައި، މި ގޯލު ކާމިޔާބުކޮށްދިނީ ގަކްޕޯ އެވެ. އަދި ނެދަލޭންޑްސް ޓީމުގެ ހަތަރުވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ގަކްޕޯ އެވެ.

ނެދަލެންޑްސް އިން ހަތަރު ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓް ފަހުން، މެޗުގެ 59 ވަނަ މިނިޓްގައި ސްވިޑެން އިން ގޯލެއް ޖެހި އެވެ. މިއީ، އަލެކްސަންޑަ އިސާކް ދިން ބޯޅައަކަށް އަރައި އެންތަނީ އެލަންގާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، ނެދަލެންޑްސް އިން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެމްފިސް ޑިޕާއީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ސްވިޑެން ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސަމާވިލް އެވެ.