ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލަކަށް ކިޔާ ނަމެއްކަމަށާއި، ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއް ކަމަށެވެ. އަދި ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނަ ކަމަށާއި ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި، މަސައްކަތުގައި ފަރުވާތެރި ފަޚްރުވެރި ދިވެހިދަރިޔަކަށްވުމަށް، ދަރިވަރުންގެ ކިބައިން ވަނީ އެދިވަަޑައިގެންފަ އެވެ.
މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޤައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމުގައި ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ހަދިޔާއެއް އަރުވާފައިވެއެވެ. މިއާންޒް ކޮލެޖުގެ ފަރާތުން އެކަމަނާއަށް ހަނދާނީ ހަދިޔާ ހަވާލުކޮށްދެއްވީ، އެ ކޮލެޖުގެ ފައުންޑަރ އަދި ޗެއަރމަން، އަޙްމަދު މުއްތަކީއެވެ.
މީގެ އިތުރުން، މިއާންޒް ކޮލެޖުގެ "ސްޓޫޑަންޓް އެސޯސިއޭޝަން އެގްޒެކެޓިވް ކޮމިޓީ" އިޢުލާންކުރުމާއި، "މިއާންޒް"ގެ ރަސްމީ ލަވަ އިފްތިތާޙްކުރުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. އަދި މިއާންޒް ކޮލެޖަށް 5 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، 10 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.