ފަހު ވަގުތު ޖެހި ގޯލާ އެކު، 2-1 އިން އައިވަރީ ކޯސްޓު ބަލިކޮށް، ޖަރުމަނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ގްރޫޕް އީގައި ފުރަތަމަ ކުޅުނު މެޗުތަކުން ޖަރުމަނާއި އައިވަރީ ކޯސްޓު ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ކިއުރުސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވިއިރު، ފަހު ވަގުތު ޖެހި ގޯލުން އައިވަރީ ކޯސްޓުން ވަނީ 1-0 އިން އެކުއެޑޯ ބަލިކޮަށްފަ އެވެ.
ޖަރުމަނުން ފަހު މެޗުގައި ކުޅޭނީ އެކުއެޑޯއާ އެވެ. އަައިވަރީ ކޯސްޓުން ބައްދަލުކުރާނީ ކިރުސާއޯއާ އެވެ.
ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 މިނެޓްގައި އައިވަރީ ކޯސްޓުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން އޭރިއާތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން އުޅުނު ބޯޅަ، އެޓީމުގެ ކެޕްޓަން ފްރޭންކް ކެސިއޭ އަށް ލިބުނު ވަގުތު އޭނާ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން އައިވަރީ ކޯސްޓަށް ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނިޓްގައި ޖަރުމަނުން ނަތީޖާ އެއްވަރުކުރުމެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ، ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އަމީރީ ބަލާލާފައި އޭރިއާތެެރެއަށް ނަގައިދިން ބޯޅަ އުންޑާވް ވަނީ ހަމަޖެހިލައިފައި ބޮލުން ގޯލަށް ފޮނުވާލައިފަ އެެވެ.
އޭގެ ފަހުން، ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓު މޮޅުކޮށްދޭން ބަދަލު ކުޅުންތެރިޔާ ސިމޯން އަޑިންގްރާ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނު މޮޅުވި ގޯލުވެސް ކާމިޔާބުކޮށްދިނީ އުންޑާވް އެވެ. ފެލިކްސް ނެމެޗާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އުންޑާވް ވަނީ ބާރު ހަމަލާއަކުން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.