ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅޭ މެޗުގައި ސްޕެއިނުން ތަފާތު ކުޅުމެއް ދައްކާނެ ކަމަށް އެޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފި އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ބައްދަލުކޮށް ސްޕެއިނުން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެވަނަ މެޗުގައި ސްޕެއިނުން މިރޭ ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. ސައުދީން ކުޅުނު ފުރަތަމަ މެޗުގައި އުރުގުއޭއާ ބައްދަލުކޮށް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ފުރަތަމަ މެޗަށްފަހު ސްޕެއިން ޓީމަށް ފާޑުކިޔުންތައް އަމާޒުވިއިރު، ޑެލަ ފުއެންޓޭ ބުނީ ސްޕެއިން ޓީމުގައި ތިބީ ވަރަށް ވާދަވެރި ކުޅުންތެރިންތަކެއް ކަމަށާއި ފާޑުކިޔުންތަކުން ކުޅުންތެރިން އިތުރަށް ވާނީ މޯޓިވޭޓް ކަމަށެވެ. އަދި ސްޕެއިން ޓީމާ ގުޅޭގޮތުން މީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ނަމަވެސް ކުޅުންތެރިން އެފަދަ ކަންކަމާއި ވަރަށް ރަނގަޅަށް ކުރިމަތިލާނެ ކަމަށް ޑެލަ ފުއެންޓޭ ބުންޏެވެ.
ޑެލަ ފުއެންޓޭ ބުނީ ކުޅުންތެރިން ތިބީ ދަނޑަށް އަރަން ކެތްމަދުވެފައި ކަމަށާއި އެގޮތުން މިރޭގެ މެޗުގައި ކުޅުންތެރިން ތަފާތު ކުޅުމެއް ދައްކާނެ ކަމަށެވެ. އަދި ފުރަތަމަ މެޗުގެ ނަތީޖާއިން ޓީމަށް އަސަރެއް ނުކުރާނެ ކަމަށާއި ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ދެނެގަންނަން އެ މެޗު ވަރަށް ރަނގަޅަށް އެނެލައިޒްކޮށްފައިވާ ކަމަށްވެސް ކޯޗު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އެރީ ބެންޗުން ކަމަށްވާއިރު، ޑެލަ ފުއެންޓޭ ވަނީ ޔަމާލް ހުރީ ރަނގަޅު ހާލަތެއްގައި ކަމަށާއި އޭނާއަށް މި މެޗުގައި ކުޅެވޭނީ ކިތައް މިނެޓުކަން ޖެހޭނީ ބަލަން ކަމަށް ބުނެފަ އެވެ.
ސްޕެއިން އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 9 ޖަހާއިރު އެވެ.