Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ޝައިހް އިސްމާއިލް އަވަހާރަވުމަކީ ބޮޑު ހިތާމައެއް ކުރުވި ކަމެއް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

މ. ތޮއިބާ، ޝައިޚް އިސްމާއީލް އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. ޝައިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިހް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އެމަނިކުފާނަށް އިޙްސާސް ކުރުވި ކަމެއް ކަމަށެވެ.

ޝައިހް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ދ. މީދޫ އަށް އުފަން ޝައިހް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.