އިންޑިއާގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން މިހާރު 39 އަހަރުގެ ބަތަލާ އަކީ ޑައިރެކްޓަރު ރާޖް ނިދިމޮރޫގެ އަންހެނުންނެވެ. ސަމަންތާ އާއި ރާޖް ކައިވެނިކުރީ މިދިޔަ އަހަރު އެވެ. މިއީ މި ދެ މީހުންގެ ވެސް ދެވަނަ ކައިވެންޏެވެ.
ސަމަންތާ ކުރީގެ ފިރިމީހާ އަކީ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދޮށީ ދަރިފުޅު ނާގަ ޗައިތަނިއާ އެވެ. އޭނަ ސަމަންތާ ސަމަންތާ ކައިވެނިކުރީ 2017 ގަ އެވެ. އަދި އެ ކައިވެނި ރޫޅައިލީ 2021 ގަ އެވެ. އޭގެ ފަހުން ނާގާ ވަނީ ބަތަލާ ޝޮބީތާ ދުލިޕާލާއާ 2024 ގައި ކައިވެނިކޮށްފަ އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ސަމަންތާ އަލަތު ދަރިފުޅަށް މިހާރު ބަލިވެއިން އިރު، މީޑިއާތަކުން ބުނީ އޭނަ ވިހާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެންބަރުގައި ކަމަށެވެ.
ނަމަވެސް ބަލިވެއިނުމާ ގުޅޭ އެއްވެސް ވާހަކައެއް ސަމަންތާ މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
އޭނަ އާއި ރާޖް ރައްޓެހިވީ ރާޖް އާއި އޭނައާ ގުޅިގެން ޑައިރެކްޝަންގެ މަސައްކަތްކުރާ ޑީކޭ 2024 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން 'ސީރީޒް ސިޓަޑެލް: ހަނީ ބަނީ' ގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ. އެ ސީރީޒްގެ ލީޑް ތަރިންނަކީ ސަމަންތާ އާއި ވަރޫން ދަވަނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ޚާނާ އެކު ރާޖް އެންޑް ޑީކޭ ސުޕަހީރޯ ފިލްމެއްގެ މަސައްކަތް އަންނަ އަހަރު ފަށަން ޕްލޭންކޮށްފައިވާ އިރު، އެ ފިލްމުގެ ބަތަލާގެ ރޯލު ވެސް ކުޅޭނީ ސަމަންތާ އެވެ.
މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 18 ގައި ރިލީޒްކުރި ތެލެގޫ ފިލްމު 'މާ އިންތީ ބަންގާރަމް' އެވެ. ސަމަންތާ އަކީ މަގުބޫލު ފިލްމު 'ޕުޝްޕާ' ގެ މަޝްހޫރު އައިޓަމް ލަވަ 'އޫ އަންޓަވާ' އިން ވެސް ފެނިގެންދާ ބަތަލާ އެވެ.