Last Updated: June 21, 17:19
Sunday, June 21, 2026
ޚަބަރު

ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ސިވިލް ކޯޓުން ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ތިން ފަނޑިޔާރުން ބޭނުންވާ ކަމަށާއި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށވެ.

ފަނޑިޔާރުންގެ އަސާސީ މުސާރަ އަކީ މަހަކު 37،700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ރުފިޔާ ލިބޭނެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

ފަނޑިޔާރުކަމަށް ކުރިމަތި ލެވެނީ އުމުރުން 25 އަހަރު ފުރިފައިވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހުންނަށް ވެސް ވާން ޖެހެ އެވެ.