Last Updated: June 21, 17:19
Sunday, June 21, 2026
ޚަބަރު

"ބޮޑު ބަދަލު" އޮފީސް އުފައްދައިފި

އިދިކޮޅު އެމްޑީޕީން ބޮޑު ބަދަލު އޮފީސް އުފައްދައިފި އެވެ.

އެ ޕާޓީން މިއަދު ބުނީ މި އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރެއްވި ”ބޮޑު ބަދަލު“ އޮފީސް، ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

އެ އޮފީހުގެ ޑައިރެކްޓަ ޖެނެރަލް އަކީ ޙަސަން ލަޠީފެވެ.

"ބޮޑު ބަދަލު" އަކީ އެމްޑީޕީގެ މިހާރު ގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީފެ ޗެއާޕަސަން ފައްޔާޒް އިސްމާއީލް އިސްކޮށް ތިއްބަވައިގެން ފެއްޓެވި ހަރަކާތެކެވެ.

އެކަން އެ ބޭފުޅުން އިއުލާންކުރެއްވީ އެޕްރީލް 19 ގަ އެވެ.

"ބޮޑު ބަދަލު" އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސްއެއް ހުންނެވުމުގެ އިތުރަށް ސަރުކާރުގެ ވެރިޔަކު ވެސް ހުންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން އިއުލާންކުރި ހަރަކާތެކެވެ. މި މަހުގެ 12 ގައި ބޭއްވި އެމްޑީޕީެ ޗެއާޕާސަން އިންތިހާބަށް ނަޝީދު ކެމްޕޭން ކުރެއްވީ ވެސް "ބޮޑު ބަދަލު" ޝިއާރާ އެކީގަ އެވެ.

ކުރިން މަޖިލިސް މެންބަރުކަމާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒަކީ މި ޝިއާރުގެ ދަށުން 2028 ގެ ރިޔާސީ އިންތިހާބުގައ ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ.