ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ސުލޫކު ރަނގަޅު ކުރަން ބާރު އެޅުމުގެ ގޮތުން ދީނީ ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި ޖަމްޢިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ނަމުގައި ފެށި މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފެނަކައިގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ފުޅާ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުންފުނީގެ އިސްވެރިން ވެސް ހިމެނޭ ގޮތަށް މުވައްޒަފުންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށް ދިނުމަށާއި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ކުންފުންޏަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބި ކުންފުންޏެވެ.
ފެނަކަައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފު މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އައްޔަންކުރި ފަހުން ކުންފުނި "ރައިޓްސައިޒްކޮށް" ހަރުދަނާ ކުރުމުގެ މަސައްކަތްކެއް ވަނީ ފަށައިފަ އެވެ.