Last Updated: June 21, 17:19
Sunday, June 21, 2026
ދުނިޔެ

ޔޫކޭގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ އޭނަގެ އިސްތިއުފާ މާދަމާ އިއުލާން ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއާ އެކު ވެރިކަން ކުރާ ޕާޓީގެ ލީޑަޝިޕާ ދެން ހަވާލުވެވަޑައިގަންނަވާނީ އެންޑީ ބާންހަމް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ސްޓާމާ އަށް ވަނީ މި ފަހުން ޕާޓީގެ ފަރާތުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވެ، ސަރުކާރު ހިންގުމުގައި ދަތިތަކާ ކުރިމަތިވެފަ އެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ހެލްތު މިނިސްޓަރު ވެޒް ސްޓްރީޓިން ވެސް ވަނީ ސްޓާމާގެ ލީޑަޝިޕާ މެދު ސުވާލު އުފައްދަވައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސްޓާމާ، 63، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 2020 ގެ ފަހުން ލޭބާ ޕާޓީ އަށް ވެރިކަމަށް އާދެވުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތް މި ފަހުން ފާހަގަ ކުރެވިފައި ވަނީ ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުންދާ ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން 2016 ގެ ފަހުން މިހާތަނަށް ބޮޑުވަޒީރު ކަމަށް ހަ ބޭފުޅަކު ވަޑައިގެންފައިވެ އެވެ.

ސްޓާމާގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވީ އެއް އަހަރާއި 255 ދުވަހަށް އެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ރިޝީ ސުނަކެވެ. މި ފަހުން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ކުރު މުއްދަތަކަށް އެ މަގާމު ފުރުއްވީ އެންމެ 50 ދުވަހަށް މަގާމުގައި ހުންނެވި ލިޒް ޓްރަސް އެވެ.