Last Updated: June 21, 17:19
Sunday, June 21, 2026
މީހުން

ސާދާ އިސްދާނަކަމުގެ ނަމޫނާ؛ މާކް ރޫޓޭ

ބޮޑުވަޒީރުކަމުގެ މަގާމުގައި ގާތްގަނޑަކަށް 14 އަހަރު ހޭދަކުރެއްވުމަށް ފަހު، ލަންދޭސީ ނުވަތަ ނެދަލޭންޑްސް ބޮޑުވަޒީރު މަގާމުން ވަކިވެވަޑައިގެން ބޮޑުވަޒީރުގެ އޮފީސް ދޫކުރައްވައި ވަޑައިގަތީ ވަރަށް ވެސް ލަންދޭސީ ގޮތެއްގަ އެވެ.

އާންމު ރައްޔިތެއް ފަދައިން، ބައިސިކަލްކޮޅަށް އަރައިވަޑައިގެން އޮފީސް ދޫކުރައްވައި ވަޑައިގަތީ އެވެ. މާކް ރޫޓޭ، 2010-2024 އަށް ނެދަލެންޑްސްގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ.

އޭނާ އަކީ ވިލާތުގެ ޤައުމެއްގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި އެއް އިސްވާރެވެ.

އޭނާގެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ޑިކް ޝޫފްއާ ވެރިކަމުގެ ބާރުތައް ޙަވާލުކުރެއްވުމަށް ފަހު، އޮފީސް ދޫކުރައްވާ ވަޑައިގެންނެވިއިރު މާބޮޑު ރަސްމިއްޔާތެއް ނުބާއްވަވައެވެ. ދުނިޔޭގެ ޤައުމުތަކުގައި ލީޑަރުންގެ ވަށައިގެން ހަށިފާރަވެރިންގެ ފައުޖުތަކާއި، ރަސްމީ ކާރުކޮޅުތަކާއި، އަގުބޮޑު ބިޔަ ރަސްމިއްޔާތުތައް ބާއްވާހެން، އެފަދަ އެއްވެސް ކަމެއް ނެތެވެ. މޮޓޯކޭޑުގެ ފައުޖެއް ނެތެވެ. އަދި އޭނާ ދަތުރުފުޅު ކުރެއްވުމަކަށް އަގުބޮޑު ލަގްޒަރީ ކާރުކޮޅެއްވެސް ނެތެވެ.

މާކް ރޫޓޭ، އޭނާގެ އޮފީހުގެ މުވައްޒަފުންނަށް އަލްވަދާޢު ވިދާޅުވުމަށް ފަހު، ދަހޭގުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުން ބޭރަށް ނުކުމެ ވަޑައިގެންނެވިއިރު، އެ އޮފީހުގެ ޕޯޓިކޯގައި އޭނާގެ ބައިސިކަލްކޮޅު ޕާކްކޮށްފައި ހުއްޓެވެ. އެއީ ފާއިތުވީ 14 އަހަރު އޭނާ އޮފީހަށް ވަޑައިގަންނަވަން ބޭނުންފުޅު ކުރެއްވި ބައިސިކަލްކޮޅެވެ.

އެ ދުވަހު ވެސް، ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު އެތައް އަހަރެއް ވަންދެން އޭނާ ކަންތައް ކުރެއްވި ފަދައިން، ބައިސްކަލްކޮޅުގެ ތަޅު ހުޅުއްވެވުމަށްފަހު، ބައިސިކަލްކޮޅަށް އަރައިވަޑައިގެން އާދައިގެ މީހެއް ފަދައިން ދަ ހޭގުގެ ސަރުކާރުގެ ޢިމާރާތްތައް ދޫކުރައްވައި، ވަޑައިގެންނެވީއެވެ. އެއީ ގާތްގަނޑަކަށް ދުނިޔޭގެ އެހެން ޤައުމުތަކުން ފެނިދާނެކަމަށް ޤަބޫލު ނުކުރެވޭ ވަރުގެ ކަމެއް ކަމަށް ވާތީ، އެ ވަގުތުކޮޅު ދުނިޔޭގެ ބޮޑެތި ނޫސް މީޑިއާތަކުގައި ވިރަވިވެގެން ދިޔައެވެ.

ގާތްގަނޑަކަށް 14 އަހަރު ވަންދެން ޤައުމެއްގެ ބޮޑުވަޒީރުކަން ކުރެއްވުމަ ށްފަހު މަގާމުން ވަކިވެވަޑައިގެން ގެކޮޅަށް ވަޑައިގެންނެވީ ހަމަ ކޮންމެ ދުވަހަކު އެ ޤައުމުގެ އެތައް މިލިއަން ރައްޔިތުން ވަޒީފާ އަދާކޮށްފައި ގެއަށް ދާ ގޮތަށެވެ. މަޑުމަޑުންނެވެ. އެހާމެ ސާދާކޮށެވެ. ދެ ފުރޮޅުލީ އުޅަނދެއްގަ އެވެ.

އެއީ ބާރުގެ ވަރަށް ތަފާތު މަންޒަރެކެވެ. މާބޮޑު ކުލަތަކެއް، ޑްރާމާއެއް ނެތެވެ. އޭނާއަކީ އެހެން މީހުންނަށް އަތްނުލެވޭހާ މަތީގައި ހުންނެވި ބޭފުޅެއް ނޫނެވެ. އޭނާގެ ވަށައިގެން މަވެތިކަމުގެ އެއްވެސް ސިފައެއް ނެތެވެ.

ހަމައެކަނި ކުރީގެ ބޮޑުވަޒީރަކު ބައިސިކަލުގައި ދަހޭގް ސަހަރުގެ ތެރެއިން ދަތުރުކުރައްވާފައި ގެކޮޅަށް ވަޑައިގަތީއެވެ. އޭނާގެ ދިގު ސިޔާސީ ޙަޔާތްޕުޅާ މެދު މީހުން ކޮންމެ ގޮތަކަށް ދުށްކަމުގައިވިޔަސް، އޮފީސް ދޫކުރައްވައި އޭނާ ވަޑައިގަންނަވަމުން ދެއްވީ ވަރަށް ބާރުގަދަ މެސެޖެކެވެ.

ބައެއް ޤައުމުތަކުގައި، ސިޔާސީ އިސްވާރުން ވެރިކަމުގައި ބަގުޑި ބައްދައި، އެމީހުންގެ ބާރު ދެއްކޭތޯ މަސައްކަތް ކުރާއިރު، ނެދަލެންޑްސްގައި އެކަކު ވެރިކަމުގެ ބާރުތައް އަނެކަކާ ޙަވާލުކޮށްފައި، އިސްދަށަށް ޖައްސައިވައިގެން އަލްވަދާޢު ވިދާޅުވެފައި ބައިސިކަލުކޮޅުގައި ވަޑައިގެންނެވީއެވެ. މަޤާމުން ވަކިވެ ވަޑައިގެން، އޮފީސް ދޫކުރައްވައި އޭނާ ބައިސިކަލްކޮޅުގައި ކުރެއްވި ސާދާ ދަތުރުފުޅަކީ އޭނާގެ އިސްދާނަކަމުގެ ސާދާކަން ތާއަބަދަށް ރަމުޒުކޮށް ދޭނޭ ކަމެކެވެ.

މަޤާމުން ވަކިވިވެ ވަޑައިގެން ބައިސިކަލްކޮޅުގައި މަޑުމަޑުން ވަޑައިގެންނެވި ނަމަވެސް، އެހިސާބުން އޭނާގެ ސިޔާސީ ކެރިއަރު ނިމުނީކީއެއް ނޫނެވެ. އޭގެ މަދު މަސްކޮޅެއް ފަހުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ޙަވާލުވެ ވަޑައިގެން ބައިނަލްއަޤުވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރައްވަން ފައްޓަވާފަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.