Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފިއެވެ.

ދަރަވަންދޫގައި އެ ހިދުމަތް ފެށުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ހަފުލާގައި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަހްމަދު ވަހީދު ބައިވެރިވެ ވަޑައިގަތެވެ.

އެ ހަފުލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ހަފުލާގައި ވަނީ އެ ރަށުން ޕާސްޕޯޓުގެ ހިދުމަތް އެންމެ ފުރަތަމަ ހޯދި ދެމީހުންނަށް ޕާސްޕޯޓު ހަވާލު ވެސް ކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ މީހުންނަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ”ކަލެކްޝަން ޕޮއިންޓް“ގެ ގޮތުގައި އެ އަތޮޅު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް ހިޔާރުކުރެެވޭނެ ކަމަށެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ހިދުމަތް ހޯދާ މިހުންގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ވަނީ ފަށައިފައެވެ.