ދުންފަތުގެ އިމްޕޯޓު ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫން އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގަ އެވެ. އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސަައި، އޭގެ އެޑްވެލޮރަލް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި އިސްލާހުގައި ވަނީ، ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައެވެ.