ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 6،000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.