Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ރައީސް ރާއްޖެ ގެންދަވަނީ އިންގިލާބުގެ ތުންފަތްމައްޗަށް

ރައީސް ނަޝީދު. ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ގެންދަވަނީ އިންގިލާބުގެ ތުންފަތްމައްޗަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ސްޓެލްކޯގައި ވަޒީފާ އަދާކުރަމުންދިޔަ އެމްޑީޕީގެ މެމްބަރަކު މިއަދު ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ މުހައްމަދު މާސިހު އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާސިހު އަކީ ބެޗެލާސް އިން އެލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ހާސިލުކޮށްގެން ހުރި ކޮލިފައިޑް އިލެކްޓްރިޝަނެއް ކަމަށާއި 2017 އިން ފެށިގެން ސްޓެލްކޯގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާތީ މިއަދު އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

"މި ބިރު ދެއްކުމާއި އަނިޔާ، މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ވެރިކަމާއެކު އެމްޑީޕީން ނިމުމަކަށް ގެންނާނަން. ރައީސް މުއިއްޒު މި ރާއްޖެ ތިޔަ ގެންދަވަނީ އިންގިލާބުގެ ތުންފަތްމައްޗަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މީހުން ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ވަނީ މާލޭގައި މުޒާހަރާއެއް ބާއްވާފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި މި ސަރުކާރުން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފަ އެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.