Last Updated: June 24, 06:11
Wednesday, June 24, 2026
ކުޅިވަރު

އިރާނުން ބެލްޖިއަމް ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާއި އިރާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ގްރޫޕް ޖީގައި މި ދެ ޓީމު ފުރަތަމަ ކުޅުުނު މެޗުތަކުން ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، ބެލްޖިއަމް އިން 1-1 އިން މިސްރާ އެއްވަރުވިއިރު، ނިއު ޒީލެންޑާއި އިރާން ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް ފޮނުވާލި ހަމަލާއެއް އިރާންގެ ކީޕަރު، އަލީ ރެޒާ ބީރަންވަންދް މަތަކުރިއިރު، އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، އޮފްސައިޑް ކަމަށް ވަނީ ނިންމައިފައ ެވެ.

ދެވަނަ ހާފުގައި ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ފޮނުވާލި ބާރު ހަމަލައެއް އިރާނުގެ ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ. އަދި، ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ރަނގަޅު ތަނަށް ނުކުމެ ހުރެ ތަރޭމީ ޖެހި ޝޮޓެއް ކީޕަރު، ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފަހު 20 މިނެޓްތެރޭ އެޓީމުގެ ނެތަން އެންގޯއި އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ބެލްޖިއަމުން ޑިފެންސަށް ފައިބައިގެން ކުޅެމުންދިޔައިރު، އެޓީމަށް އިރާނުގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.