Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

މަތީ މަގާމުތަކަށް އަންހެނުން ތަމްރީނު ކުރަން ޕްރޮގްރާމެއް

އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ގާއިމުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ތިން ދުވަހުގެ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" އދ. މަހިބަދޫގައި ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.

ކުރިއަށް އޮތް ތިން ދުވަހު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ސަރުކާރުން އަމާޒަކީ އަންހެނުންގެ އަމިއްލަ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދީ، ސިޔާސީ އަދި އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އދ. މަހިބަދޫގައި މި ފެށުނު ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރުވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.