މެދު ރާސްތާގެ 2027-2029 އަށް އެކުލަވާލާ ދައުލަތުގެ ބަޖެޓަށް އައު މަޝްރޫއުތަކާއި ހަރަކާތްތައް ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެތަނުން ނެރުނު ސާކިއުލާގައިވާ ގޮތުން، ނިއު ޕޮލިސީ އިނިޝިއޭޓިވްސް ނުވަތަ އާ ސިޔާސަތުތަކުގެ ދަށުން ހިންގާ އާ ހަރަކާތްތަކާއި އައު މަޝްރޫއުތައް 2027-2029 އަށް އެކުލަވާލާ މެދުރާސްތާގެ ބަޖެޓުގައި ހިމަނުމަށް ސަރުކާރުގެ އޮފީސްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މި ބަޖެޓު ތައްޔާރުކުރާނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅުތަކާ އެއްގޮތަށް، ޕްރޮގްރާމް ބޭސްޑް ބަޖެޓެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ހުށަހަޅާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ނުވަތަ ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ކަންކަމަށް ވާންޖެހެ އެވެ.
ދައުލަތުގެ އޮފީސްތަކަށް މި ބަޖެޓުގައި ހިމެނުމަށް ހުށަހެޅިދާނެ ކަންކަމުގެ ތެރޭގައި އަލަށް ފަށަން ގަސްތުކުރާ ހަރަކާތްތަކާއި މަޝްރޫއުތައް، މިހާރު ހިންގަމުންދާ ހަރަކާތެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަޖެޓު، އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، މި އަހަރު ފެށޭނެ ކަމަށް ނުބެލެވޭތީ އަންނަ އަހަރު ފަށަން ނިންމާފައިވާ ކަންކަން ހިމެނެއެވެ.
އާ ހަރަކާތްތަކުގެ ތެރޭގައި އާންމު ޚިދުމަތްތައް ގާއިމުކުރުން، މުވައްޒަފުން އިތުރުކުރުން، ތަމްރީނު ޕްރޮގްރާމްތައް، ދިރާސާތައް ކުރުން އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި އިމާރާތްކުރުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުށަހެޅިދާނެ އެވެ.
އެ މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ލޯނާއި، ހިލޭ އެހީ، ޓްރަސްޓް ފަންޑް ނުވަތަ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ވެސް ވެދާނެއެވެ. ނަމަވެސް ބަޖެޓުން ބޭރުން ފައިނޭންސް ހޯދާ މަޝްރޫއުތަކަށް އެ ފައިސާ ހަމަޖެހިފައިވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހެ އެވެ. އަދި ކޮންމެ މަޝްރޫއަކާއެކު ނީޑް އެސެސްމަންޓް ރިޕޯޓާއި، މަސައްކަތުގެ ތަފްސީލާއި، އަގު ހިނގާނެ ގޮތުގެ ތަފްސީލު ހިމަނަން ޖެހެ އެވެ.
ޖެންޑާ އަދި ކްލައިމެޓް ބަޖެޓިން 2027-2029 ގެ ބަޖެޓު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ހިމެނޭހެން ބަޖެޓު ތައްޔާރުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން ޕައިލެޓްކުރުމަށް ކަނޑައަޅާފައިވާ އޮފީސްތަކުގެ ބަޖެޓުން މިންތީގެ ހަމަހަމަކަން ގާއިމުކުރެވޭ މިންވަރު ދެނެގަނެވޭނެ އެވެ.
މީގެ އިތުރުން، ކޮންމެ މަޝްރޫއަކީ ތިމާވެއްޓާ ގުޅުންހުރި ކިހާވަރެއްގެ މަޝްރޫއެއްކަން ބަޔާން ކުރަންޖެހެ އެވެ.
ކުރިއަށް އޮތް ތިން އަހަރުގެ މުއްދަތަށް އައު ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ޚަރަދުގެ ސީލިންގަކީ 2.5 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 500 މިލިއަން ރުފިޔާ ރިކަރަންޓް އެކްސިޕެންޑިޗަ އަށް ޚާއްސަކޮށްފައިވާއިރު، 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިފަދަ ސީލިންގެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ގޮތުގައި ބަޖެޓުގައި ހިމަނާ މަޝްރޫއުތަކާއި ހަރަކާތްތަކަކީ އޮފީސްތަކުގެ ލެވެލްގައިވެސް ޕްރައޮރަޓައިޒް ކުރުމަށްފަހު ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ހެދުމެވެ.
މި ސާކިއުލާގެ ދަށުން ކައުންސިލްތަކާއި ޖުޑީޝަރީގެ އިދާރާތައް އިސްތިސްނާވެ އެވެ.