އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް މުހިއްމު މަޝްވަރާތަކެއްކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ އެ ކައުންސިލާ ބައްދަލުކުރީ ދެކުނު އަތޮޅުތަކުގެ ރަށްތަކުގައި ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެ ބައްދަލުވުމުގައި އެންމެ އިސްކޮށް އޭސީސީގެ ފަރާތުން ހުންނެވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.
ފުވައްމުލަކު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި، އެފަދަ އަމަލުތައް މަދުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ކޮމިޝަންގެ ފަރާތުން ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތަކާ ގުޅޭގޮތުން ވެސް ބައްދަލުގައި މަޝްވަރާކޮށްފައިވެ އެވެ.
އޭސީސީގެ މެންބަރުން ހިމެނޭ ޓީމަކުން އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާ އެކު ވެސް މުހިންމު ބައްދަލުވުމެއް ބާއްވާފައިވެ އެވެ.
އެ ބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި، އެފަދަ އަމަލުތައް މަދުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާކޮށް މަޝްވަރާކޮށްފައވެ އެވެ.