Last Updated: June 23, 20:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

ބަންސާލީގެ އާ ފިލްމުގެ ސެޓްގައި މަރެއް!

ޑައިރެކްޓަރު ބަންސާލީ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ލަވް އެންޑް ވޯ' ގެ ސެޓްގައި ކްރޫއަކު މަރުވެއްޖެ އެވެ

މީޑިއާތަކުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 3:00 އެހާކަށްހާ އިރު، ހިނގި ހާދިސާގައި މަރުވީ ފިލްމަށް ސެޓްގައި ވަޑާމުގެ މަސައްކަތުގައި އުޅުނު ޗަންދުރަދާރީ ޔާދަވް، 42، ކަމަށެވެ. އޭނަ މަރުވީ މަަސައްކަތެއްގައި އުޅެނިކޮށް ކަރަންޓްގައި ޖެހިގެން ކަމަށް ބެލެވޭ އިރު، އެ ހާދިސާ ހިނގާފައި ވަނީ މުމްބާއީގެ ގޯރެގާއޯގެ ރޯޔަލް ޕަމްޕް ސްޓޭޝަންގަ އެވެ.

ޔާވަދްގެ ޕޯސްޓްމޯޓަމް ހަދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

'ލަވް އެންޑް ވޯ' ގެ ސެޓްގައި ހިނގައި ދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ފިލްމުގެ ޓީމުގެ ފަރާތުން މިހާރު ވަނީ ޔާދަވްގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި 40 ލައްކަ ރުޕީސް ދީފަ އެވެ. އޭނަ މަރުވި އިރު، އަންބަކާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ޔާދަވްގެ މަރުގެ ހާދިސާއާ ގުޅިގެން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) ފިލްމު ސްޓޫޑިއޯ ސެޓިން އެންޑް އެލައިޑް މަޒްދޫރު ޔުނިއަން (އެފްއެސްއެސްއޭއެމްޔޫ) އިން މެދުވެރިވެގެން ލަވް އެންޑް ވޯގެ ޕްރޮޑިއުސަރުން މެދުވެރިކޮށް ޔާވަދްގެ އާއިލާ އަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށް ދޭން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އޭނަގެ ދަރިންގެ ކިޔެވުމުގެ ހަރަދު ހަމަޖައްސައި ދޭން އެދިފައިވެ އެވެ.

ލީޑް ކާސްޓަށް ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ލައިގެން ހަދަމުން އަންނަ 'ލަވް އެންޑް ވޯ' އަކީ އަންނަ އަހަރުުގެ ޖެނުއަރީ 21 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

މީގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރެވެ.