Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ޒިޔަތު އެމްޕީއެލުން އިސްތިއުފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަންކޮށް، ބޯޑްގައި ހިމެނީ މި އަހަރުގެ މާޗް މަހުގެ 16 ގަ އެވެ.

ނަމަވެސް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުން ޒިޔަތު ވަކިކޮށް، ކުރިން އެމްއޭސީލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިދިޔަ މެއި މަހު ޑެޕިއުޓީ ސީއީއޯއަކަށް އައްޔަންކޮށްފައިވެ އެވެ.

އޭގެ ފަހުން ޒިޔަތު އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް އެމްޕީއެލުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އޭނަ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަކަށް ސާފެއް ނުވެ އެވެ.

ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވުމުގެ އިތުރަށް އެސްޓީއޯގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނަ އަކީ ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ

ޒިޔަތު އިސްތިއުފާ ދެއްވި އިރު، އެމްޕީއެލްގައި މިހާރު ވެސް ތިން ޑެޕިއުޓީ ސިއީއޯއިން އެބަ ތިއްބެވި އެވެ.

މިހާރު އެމްޕީއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރަކީ އެޕްރީލް 22 ގައި އެ މަގާމަށް އައްޔަންކުރި ޙުސެއިން ޝަފީގެވެ. އޭނަ އަކީ މި ސަރުކާރު އައި ފަހުން އެމްޕީއެލްގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގަތް ތިން ވަނަ ބޭފުޅާ އެވެ.