ފިލްމު ކުޅުން ހުއްޓާލައިގެން ހުރި ރާއްޖޭގެ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެނބުރި އަންނަ ފިލްމު 'ޕާޓީ' ގެ ޝޫޓިން މިއަދު ފަށައިފި އެވެ.
މި ފިލްމަކީ ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރު ކަމަށްވާ އިލްޔާސް ވަހީދު އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ތުރިލާއެކެވެ.
'ޕާޓީ' ގެ ޝޫޓިން މިއަދު ފެށިކަން އިއުލާކޮށް އިއްލެގެ އައި ފިލްމްސް އިން ސޯޝަލް މީޑިއާ އަށް ދޫކޮށްލި ކްލިޕެއްގައި އިވެނީ ޕާޓީއަކަށް ދިޔަ ދަރިފުޅަށް ވީ ގޮތެއް ނޭނގިގެން ނިއުމާ ރުުޅިގަދަވެގެން ސުވާލުކުރާ އަޑެވެ.
އިއްލެ މިއަދު އައްޑޫ ލައިވް އަށް ބުނީ ވަރަށް ބޮޑު ކާސްޓެއް ފެންނާނެ މި ފިލްމުގެ ލީޑަކީ ނިއުމާ ކަމަށެވެ. އޭނަ ބުނީ ފިލްމު ކުޅުން ހުއްޓާލައިގެން ހުރި ބަތަލާ ޕާޓީ އަށް އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އިއްލެ ބުނީ ފިލްމު ނިއުމާ އަށް ހުށަހެޅީ އޭނަ މިއަށް އެއްބަސްވާނެކަމުގެ އެއްވެސް އުންމީދެއް އޮވެގެއް ނޫން ކަމަށެވެ. އެކަމަކު ނިއުމާ އަށް ފިލްމު ހުށަހެޅީ އޭނަ އަށް ދިން ކެރެކްޓާ އަށް އެންމެ ފިޓްވާ މީހަކީ ނިއުމާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުންޏެވެ.
"ދެން ސްކްރިޕްޓް ކިޔާފައި ނިއުމާ މިއަށް އެއްބަސްވީ. އަސްލު ވަރަށް އުފާވި އޭނަ ފިލްމަށް އެއްބަސްވީމަ." ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ނިއުމާ އަކީ ވަރަށް މޮޅު ބަތަލާއެެއްކަން ފާހަގަކޮށް އިއްލެ ބުންޏެވެ.
'ޕާޓީ' ގެ ޝޫޓިން މަސް ދުުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ އިރު، މި ފިލްމު ބެލުންތެރިންނަށް ގެންނާނެ އިރެއް ނުނިންމަ އެވެ.
'މިއަހަރު ފިލްމު ފެންނާނެތޯ ނޫންތޯ ބުނާކަށް އަދި ހަމަ އެއްގޮތަކަށް ވެސް ނޭނގޭ.' އިއްލެ ބުންޏެވެ.
ދެހާސް ނަވާރައިގެ މަގުބޫލު ފިލްމު ބަވަތު ގެނެސްދީގެން އާންމުންގެ އިތުބާރާއި ލޯބި ހޯދި ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ލޯބިން' އެވެ.