Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

"ހަވީރު އޮންލައިން" ކުރިއަށް ދާނެ

ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް "ހަވީރު" ނޫސް ނުނެރެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރަކާ ގުޅިގެން، އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން "ހަވީރު" ނޫސް ޗާޕްކޮށްގެން ނުނެރުނު ނަމަވެސް، ކުރިއެކޭ އެއްގޮތަށް "ހަވީރު އޮންލައިން" ކުރިއަށް ދާނެ ކަމަށް ހަވީރުން ބުނެފި އެވެ.

"ހަވީރު" ގެ އޮފިޝަަލަކު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ސިވިލް ކޯޓް ނެރުނު އަމުރާ ގުޅިގެން، ހަވީރުގެ އިދާރާ ވެސް ނުހުޅާވެ ކަމަށާއި އޮފީހަށް މުވައްޒަފުން ނުނިކުންނާނެ ކަަމަށެވެ.

އެކަމަކު "ހަވީރު" ޓީމްގެ ނޫސްވެރިން "ހަވީރު" އޮންލައިން އަށް ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރާނެ އެވެ.

އޮފިޝަލް ވިދާޅުވީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށާއި މިނިވަން ނޫސްވެރި ކަމަށް ރާއްޖޭގައި ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު އިތުބާރު ކުރާ އަދި އެންމެ މަގުބޫލް ނޫހަށް ދިމާވި މައްސަލަ އާ ގުޅިގެން އެ ނޫހުގެ 80 އެއްހާ މުވައްޒަފުންގެ އިހުލާސްތެރި މަސައްކަތް "ހުއްޓުމަކަށް" އައީ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

Screenshot 2016-03-31 14.57.41

ހަވީރު ނުނެރެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރާ ގުޅިގެން، ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި "ހަވީރު" ނޫސް ނެތި ދިއުމަކީ ރާއްޖޭގެ މުޅި މީޑިއާ ނެތި ދިއުން ކަމަށް ވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

"ހަވީރު" ނޫހަކީ ޖެނުއަރީ 1، 1979 އިން ފެށިގެން ނެރެމުން އަންނަ ނޫހެކެވެ.

މި ނޫސް މިހާތަނަށް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ.

އެހެން ނަމަވެސް މިއަދު "ހަވީރު" އަށް ދިމާވި މި މައްސަލައަކީ "ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ ކޯޓްގައި ކުރެއްވި ދައުވާއަކާ ގުޅިގެން ނިކުމެގެން އުޅޭ މައްސަލައެކެވެ.

Screenshot 2016-03-31 17.24.09

މި މައްސަލާފައި ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އިބްރާހމް ރަޝީދު މޫސާ އާއި ފާރޫގަކީ، ދައުވާ ރައްދުވާ މުހައްމަދު ޒާހިރު ހުސެއިން އާ އެއްފަދައިން، "ހަވީރު" ގެ ހަމަހަމަ ހިއްސާ ލިބިގެންވާ ބައެއްކަން ކޯޓުގެ ގަޒިއްޔާ އިން އެންގެން އޮތް ކަމަށެވެ.

އެގޮތުން ޒާހިރުގެ ހިއްސާގެ މިންވަރަކީ 25 ޕަސެންޓް ކަަމަށާއި ފާރޫގާއި އިބްރާހިމް ރަޝީދު މޫސާގެ ހިއްސާ އަކީ 50 ޕަސެންޓް ކަމަށް އަމުރުގައިވެ އެވެ.

އެހެންވެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުންގެ ބައިވެރިވުމެއް ނެތި "ހަވީރު" ނޫސް ނެރެގެން ނުވާނެ ކަަމަށެވެ. އަދި އެ ފަރާތްތަކުގެ ދައުރެއް ނެތި "ހަވީރު"ގެ އެކައުންޓްތަކުން މުއާމަލާތް ނުކުރަން ވެސް ވަނީ އަމުރުކޮށްފަ އެވެ.