ފަރުމަސް އާލާކުރަން ދަސްކޮށް ދޭން ހިންގާ މެރިކަލްޗާގެ އާ ބުރަކަށް ހުޅުވާލައިފި އެވެ.
މިއީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މި އަހަރުގެ ދެވަނަ ކޯހެވެ.
މި ބެޗްގެ ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އޮގަސްޓް 8-20 އަށެވެ. މި ބެޗުން ވެސް ފުރުސަތު ދޭން ހަމަޖެހިގައި ވަނީ 15 މީހަކަށެވެ.
އެހެންވެ ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3322242 ނުވަތަ 9555373 އިން ހޯދޭނެ އެވެ.
ކޯސް ކުރިއަށް ގެންދާނީ ކ. މަނިޔަފުށީގަ އެވެ. ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެ އެވެ.
މެރިކަލްޗާ ކޯހުގެ މި އަހަރުގެ ފުރަތަމަ ބުރު ބޭއްވީ ޖެނުއަރީ 24 އިން ފެބްރުއަރީ 5 އަށެވެ. އެ ބެޗްގައި 10 މީހަކު ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަ ދާއިރާއިން މީހުން ބިނާކުރުމެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 މީހަކު ތަމްރީނުވެފައިވެ އެވެ.