Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

ލުބުނާނުން ރައްދު ޙަމަލާ ނުދެނީ ކީއްވެ؟

ފަހަކަށް އައިސް އިޒުރޭލުން ލުބުނާނަށް ދެމުންގެންދާ ޙަމަލާތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ފެނި، ކޮންމެ މީހެއްގެ ސިކުނޑީގައި އުފެދޭނެ ސުވާލަކީ އެ ހުރިހާ ކަމެއް އެހާ ފަސޭހައިން އިޒުރޭލަށް ކުރެވެނީ ކިހިނެއް ހެއްޔެވެ؟ ލުބުނާނުގެ ޤައުމީ އަސްކަރިއްޔާއާއި، ވައިގެ ސިފައިންނާއި، ވައިގެ ދިފާޢީ ނިޒާމުތައް ކޮބާ ހެއްޔެވެ؟ ލުބުނާނުގެ ސަރުކާރުން ރައްދުގައި ޙަމަލާ ނުދެނީ ކީއްވެގެން ހެއްޔެވެ؟ އެ ހިމޭންކަމާއި، އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވުމުގެ ފަހަތުގައި، ވަރަށް ހިތި ޙަޤީޤަތްތަކާއި، ލުބުނާނުގެ އެތެރޭގެ ބަލިކަށިކަން ހިމެނެއެވެ.

ފުރަތަމަ އަދި އެންމެ އަސާސީ ސަބަބަކީ، ލުބުނާނުގެ ޤާނޫނީ ސަރުކާރުގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އެންމެ ބަލިކަށި އެއް ލަޝްކަރު ކަމަށް ވުމެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ލުބުނާނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުގެ ސަބަބުން ސިފައިންނަށް ފުރިހަމައަށް މުސާރަ ދިނުމާއި، ކާބޯތަކެއްޗާއި، އަސާސީ ޚަރަދުތައް ބެލެހެއްޓޭނެ ފައިސާވެސް އެ ޤައުމުގެ ސަރުކާރުގައި ނެތެވެ. ޤައުމެއްގެ އިޤްތިޞާދު މުޅިން ހަލާކުވެ ސުންނާފަތިވެފައިވާއިރު، ޒަމާނީ އަސްކަރީ ހަތިޔާރު ގަތުމަކީ ތަޞައްވުރުވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ވައިގެ ސިފައިންނަށް ބަލާއިރު، ލުބުނާނުގައި އެފް-16 ފަދަ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ނެތެވެ. އެ ޤައުމުގެ ވައިގެ ސިފައިންގެ އަތުގައި ދުވަސްވީ މަދު ޓްރެއިނިން ބޯޓްތަކާއި، ހެލިކޮޕްޓަރުތަކެއް ހުރިއިރު، އެ ބޯޓުތަކާއެކު އިޒުރޭލުގެ އެންމެ ޒަމާނީ ސްޓެލްތު ފަޔަރ އެފް-35 ޖެޓްތަކާ ކުރިމަތިލުމަކީ އަމިއްލައަށް މަރުވުމެވެ. ހަމަ އެފަދައިން ލުބުނާނުގެ ވައިގެ ދިފާޢީ ނިޒާމަށް ބަލާއިރު، އިޒުރޭލުގެ އެންމެ ފަހުގެ މިސައިލް ޓެކްނޮލޮޖީ އާއި، ޑްރޯންތައް ހުއްޓުވޭނޭ އެންޓި އެއާރކްރާފްޓް ނިޒާމެއް ނުވަތަ ޕެޓްރިއޮޓް ކަހަލަ ވައިގެ ދިފާޢީ ނިޒާމެއްވެސް ނެތެވެ.

ލުބުނާނުގެ އަސްކަރިއްޔާއަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ފޯރުކޮށްދޭ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދޭ އެހީގެ ފައިސާއާއި، ހަތިޔާރު ދުވަހަކުވެސް އިޒުރޭލާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމުގެ ހަރުކަށި ޝަރުތުތަކެއް ހިމަނާފައިވެއެވެ. އަނެއް މުހިންމު ނުގުތާއަކީ ލުބުނާނުގެ އެތެރޭގެ ޙާލަތު އިންތިހާއަށް ދަތި އުނދަގޫވެފައި ވުމެވެ. ލުބުނާނަކީ ބައިބައިވެފައިވާ ޤައުމެކެވެ. އެ ޤައުމުގެ އަސްކަރިއްޔާއަށް ވުރެ 'ހިޒްބު الله' އޭ ކިޔޭ ހަތިޔާރު އެޅި ޖަމާޢަތް މާ ބާރުގަދަވެފައި އަދި އިންތިޒާމުތައް މާރަނގަޅެވެ.

އިޒުރޭލާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، ރައްދު ޙަމަލާ ދިނުމަކީ ހިޒުބު الله އިން ކުރިއަށް ގެންދާ ކަންކަމެވެ. އެއީ ލުބުނާނުގެ އަސްކަރީ ސިފައިންނާ ބެހޭ ކަމެއް ނޫނެވެ. ފަހުގެ ޙަމަލާތަކުގައި އިޒުރޭލުން ވަނީ ޖާސޫސީ މަޢުލޫމާތާއި އެންމެ ޒަމާނީ ފަންނިއްޔާތުގެ ތެރެއިން ޙިޒުބު اللهގެ އިސްދާނަކަމާއި، މުވާޞަލާތީ ނިޒާމުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެހެން ކަމުން އުއްމީދުކުރާ ފަދަ ގަދަފަދަ ރައްދު ޙަމަލާތަކެއް ދިނުމަށް ޙިޒުބު الله އަށް މިވަގުތު ވަނީ ނުކުޅެދިފައެވެ.

ލުބުނާނުގެ އަސްކަރިއްޔާ މިވަގުތު އޮތީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ލުބުނާނުގެ ސަރުކާރުގެ ބާރުތަކުން މި ހަނގުރާމައިގައި ރަސްމީކޮށް ބައިވެރިވެއްޖެ ނަމަ، އިޒުރޭލުން ލުބުނާން މުޅިން ހަލާކުކޮށް، އެ ޤައުމުގެ މިޢުމާރިއްޔަތު އެއްކޮށް ބިމާ ހަމަކޮށްލުމުގެ ސާފު ތަބުރީރެއް އިޒުރޭލަށް ލިބިގެންދާނެއެވެ. އެއީ، ރައުސްމާލިއްޔަތާއި، ބާރުގެ ސިޔާސަތުގެ ވޭންދެނިވި ފަރާތެވެ. އެހެނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ހަމައެކަނި ބަލިކަށި މީހުންނަށް ޚާއްޞަ ކުރެވިފައިވާ އެއްޗެކެވެ.

އެއްފަރާތުގައި އޮތީ ދުނިޔޭގެ އެންމެ ޒަމާނީ ފަންނިއްޔާތާއާއި، އެމެރިކާގެ އިންތިހާއީ އަސްކަރީ އަދި މާލީ އެހީތެރިކަން ލިބިފައިވާ އިޒުރޭލެވެ. އަނެއްފަރާތުގައި އޮތީ ބަނގުރޫޓުވެފައިވާ، އަދި އެތެރޭގެ އިންތިޒާމުތައް ވިއްސިވިހާލިވެފައިވާ، ދިފާޢީ އެއްވެސް ޤާބިލުކަމެއް ނެތް ލުބުނާނެވެ. އެމީހުންނަށް އޮތީ ސަހަރަކަށް ފަހު ސަހަރެއް ފަނާކުރަމުންދާ މަންޒަރު ބަލަން ތިބުމެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.