Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ސަރުކާރުން އުޅެނީ އީ-ވޯޓިން ތައާރަފު ކުރަން

މި ސަރުކާރުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލެއް ހުށަހެޅީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި އީ-ވޯޓިން ތައާރަފުކޮށް އިންތިޚާބުގެ ނަތީޖާއިން ވައްކަންކުރުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ. ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރު ފަރާތުން ޑިގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ގަޕޯ ވަނީ ބިލުގެ މަގުސަދާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ.

"އީ-ވޯޓިންއަށް ދިއުމަށްޓަކައި ހުށަހަޅައިފައި އޮތް ބިލެއް މި ބިލަކީ. މިއަދު އިތުރު އޮފީހެއް ހަދައިގެން މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަންކުރަން ހުށަހެޅިފައި އޮތް ބިލެއް މިއީ." އޭނަ ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށާއި ނަރުދަމާ އެޅުން ފަދަ ކަންކަން ނުކޮށް ސަރުކާރުން މަސައްކަތް ކުރަނީ ވަގު ވޯޓު އެޅުމަށް ކަމަށެވެ.

އޭނަ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާނޫނުތައް ތައާރަފުކޮށް ގާނޫނުތައް އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި ކަމަށް ވިޔަސް ރާއްޖޭގައި ގާނޫނުތައް ތައާރަފު ކުރަނީ އެކި ކަންކަމުން ނާޖާއިޒު ފައިދާ ނަގަން ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން އަދި ކުރި އެއްވެސް ކަމަކުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެއްޖެ، ފެން ބިލު ބޮޑުވެއްޖެ، ކާ އެއްޗެހީ ގަތުން އެ އޮތީ އިންތިހާއަށް އަރައިފައި، ޑޮލަރު 21 ރުފިޔާއަށް އަރަނީ،." ގަޕޯ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ގައުމުގެ ހާލަތު މި މަގުން ހުރި އިރު، ސައްހަ ވޯޓަކުން މި ސަރުކާރަށް އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލެއް ހުށަހެޅި މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވަނީ، އިތުބާރު ހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދީ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި މިއީ މޯލްޑިވްސް 2.0 ގެ ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދަން ހުށަހެޅި ބިލެކެވެ.