ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮލަރުގެ ތަދިކަމާއި، އޭގެ ސަބަބުން އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރެވެ. މި މައްސަލައަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ކުރަމުންދާ ކަމެކެވެ. ޚާއްޞަކޮށް، މުދަލާއި ޚިދުމަތުގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދާ މައިގަނޑު ސަބަބަކީވެސް މިއީ އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފޯރިގަދަ ދުވަސްވަރު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރައްޔިތުންނަށް އުންމީދީ ވަޢުދެއްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، އެ އަހަރުގެ ތެރޭގައި ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށެވެ. މިއީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު އިތުބާރެއް އުފެދުނު ބަސްފުޅެކެވެ. އެހެންކަމުން، ރައްޔިތުން ވަނީ ސަރުކާރުން އެދުނު ފަދައިން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ އަށް ދީފަ އެވެ.
ނަމަވެސް، މިއަދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، މިނިސްޓަރުގެ އެދުންފުޅާ އެއްގޮތަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް، މިއަދާ ހަމައަށް ޑޮލަރުގެ އަގު ކުޑަނުކުރެވިގެން އުޅެނީ ކީއްވެގެންތޯއެވެ؟ މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ ވިހި ރުފިޔާއަށްވުރެ މަތީގައެވެ. ބޭންކުތަކުން ރައްޔިތުން ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބުމުގެ ސަބަބުން، އާންމު ވިޔަފާރިވެރިންނާއި، ބޭރުގައި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ވަނީ ބޮޑެތި ތަކްލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޮންމެހެން ބޭނުންވާ ޑޮލަރު އެމީހުން ގަންނަން ޖެހެނީ ބޮޑު އަގުގައި ކަޅު ބާޒާރުންނެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް މި ސުވާލު މިނިސްޓަރު ސަޢީދާ ކުރިމަތިކުރެއްއެވެ. ރައްޔިތުންގެ ތެރެއިން އުފެދޭ މި ކަންބޮޑުވުން މަޖިލީހުގެ ތަޅުމާ ހަމައަށް ދިޔަ ނަމަވެސް، ފެނިގެންދިޔައީ ވަޒީރަށް އެކަށީގެންވާ ސާފު ޖަވާބެއް ނުދެއްވުނު ތަނެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލެއް ނުވަތަ ކަޅުބާޒާރު ކޮންޓްރޯލް ކުރެވޭނެ ސީދާ ތާރީޚެއް ދެއްވުމަށް ވަޒީރު ވަނީ ނުކުޅެދިފަ އެވެ.
ރައްޔިތުން ކުރާ ސުވާލު ވަރަށް ސާފެވެ. ސަރުކާރަށް ބޭނުންވާ ހުރިހާ ބާރެއް (މަޖިލީހުގެ އަޣުލަބިއްޔަތު) ސަރުކާރަށް ލިބިފައި އޮތްއިރު، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ހުރި ހުރަހަކީ ކޮބައިތޯއެވެ؟ ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުނުކުރެވެނީ ކީއްވެގެންތޯއެވެ؟ މިއީ ހަމައެކަނި ސިޔާސީ ބަހުސެއް ނޫނެވެ. މިއީ ރައްޔިތުންގެ ޖީބާއި، ކާބޯތަކެތީގެ އަގާއި، މުޅި ޤައުމުގެ އިޤްތިޞާދާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށެވެ. އެހެން ނަމަވެސް ޑޮލަރުގެ އަގު މިއަދު މިވަނީ މުޅި ތާރީޚުގައި ވެސް ނުދާވަރަށް މައްޗަށް އުފުލިފައެވެ. މިއަދު ޑޮލަރު މާރުކުރާ ރޭޓަކީ 20.50ރ. އެވެ.
ޑޮލަރުގެ މައްސަލައަކީ ވަޢުދުތަކަކުން އެކަނި ހައްލުވާނެ ކަމެއް ނޫނެވެ. މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް، އަމަލީ ގޮތުން ޑޮލަރުގެ އަގު ތިރިކޮށް، ކަޅުބާޒާރު ނައްތާލުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ރައްޔިތުން ބޭނުންވަނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އެމީހުންގެ ދިރިއުޅުމަށް ލުއިކަން ލިބޭނެފަދަ ނަތީޖާއެކެވެ. މި ސުވާލުތަކަށް ސާފު ޖަވާބެއް ލިބުމަކީ ރައްޔިތުންގެ ހައްޤެކެވެ.