Last Updated: June 23, 20:16
Tuesday, June 23, 2026
ރިޕޯޓް

ފަހަތަށް ދިޔައީ އެހެން ބަޔަކު ކުރިއަށް ދިއުމަކުން ނޫން!

އަޅުގަނޑުމެންގެ މަޖިލިސްތަކާއި، ނޫސްތަކާއި، އަދި ދެކެވޭ ވާހަކަތަކުގައި އެންމެ ގިނައިން އިވޭ އެއް އަޑަކީ، އިރުމަތީގެ ޤައުމުތައް އަޅުގަނޑުމެންނަށްވުރެ ކުރިއަރައިފި ކަމާއި، ހުޅަނގުގެ ބާރުތައް އަޅުގަނޑުމެންގެ މައްޗަށް ކުރިހޯދައިފި ކަމުގެ ވާހަކައެވެ. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ އުންމަތްތައް ބާރާއި، އިލްމާއި، ސިޔާދަތުގެ މަގުގައި ހަލުވިކަމާއެކު ކުރިއަށްދާއިރު، އަޅުގަނޑުމެން ތިބީ އެމީހުންގެ ފަހަތުން ފިޔަވަޅުތައް ގުނަން ކަމުގެ ވާހަކައެވެ.

މިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައިވަނީ، އަޅުގަނޑުމެން ބަލިކަށިވުމުގެ ސިއްރަކީ އެމީހުންގެ ވަރުގަދަކަން ކަމަށެވެ. އަދި އަޅުގަނޑުމެން ފަހަތަށް ދިއުމުގެ ސަބަބަކީ އެމީހުން ކުރިއެރުން ކަމަށާއި، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމަކީ އެމީހުން ހޯދި ބާރުވެރިކަމުގެ ސީދާ ނަތީޖާއެއް ކަމަށެވެ.

ނަމަވެސް، އަޅުގަނޑުމެން ބަލަން ބޭނުންނުވާ، އަދި ބަލިމީހަކު އޭނާގެ ބަލި ފެނިދާނެތީ ލޯގަނޑަށް ބަލަން ބިރުގަންނަ ފަދައިން އަޅުގަނޑުމެން ފިލަން އުޅޭ ހަގީގަތަކީ މިއެވެ: އަޅުގަނޑުމެން ފަހަތަށް ދިޔައީ އެހެން ބަޔަކު ކުރިއަށް ދިއުމަކުން ނޫނެވެ.
އަޅުގަނޑުމެން އިލްމަށް އިހުމާލުވެ، ޖާހިލުކަމުގެ ތެރެއަށް ވެއްޓުނީ ހުޅަނގުގެ ސަބަބަކުން ނޫނެވެ. އަދި އަޅުގަނޑުމެންގެ އުފެއްދުންތެރިކަމަށް ފަރުވާކުޑަކޮށް، ސިނާއަތްތައް ހީނަރުވީ އިރުމަތީގެ ސަބަބަކުންވެސް ނޫނެވެ.

ހަމައެހެންމެ، އިހުމާލާއި، ކޮރަޕްޝަނާއި، އަދި އިދާރީ ހިންގުންތެރިކަން ދަށްވުމުގެ ސަބަބުން އަޅުގަނޑުމެންގެ މުއައްސަސާތައް ބަލިކަށިވެގެން ދިޔައީ ކުރިއަރާފައިވާ އުންމަތްތަކުގެ ސަބަބަކުން ނޫނެވެ.

އެއްވެސް އުންމަތަކަށް އެހެން އުންމަތެއްގެ ވިސްނުމާއި ބުއްދިއެއް ފޭރިއެއް ނުގަނެވޭނެއެވެ. އަދި އެބައެއްގެ ކިބައިގައިވާ އަޒުމާއި އިރާދަ އަތުލައި، އުނގެނުމާއި، މަސައްކަތްކުރުމާއި، އައު އީޖާދުތައް ކުރުމުން އެބަޔަކު ހުއްޓުވައެއް ނުލެވޭނެއެވެ. ކޮންމެ އުންމަތެއްގެވެސް ނަސީބާއި މުސްތަގުބަލު ބިނާވެފައިވަނީ، އެބައެއްގެ ކިބައިގައި ހުރި ތަސައްވުރާއި، ސާބިތުކަމާއި، އަދި ކެތްތެރިކަމެއްގެ މައްޗަށެވެ.

އެހެންކަމުން، އުންމަތެއް ބާރުވެރިކަމުގެ ސިޑިން މައްޗަށް އަރައިގެންދާ ތަން ފެނުމުން، އެމީހުން އެހާ މައްޗަށް އެރީ ކިހިނެއްތޯ ސުވާލު ނުކުރާށެވެ. އޭގެ ބަދަލުގައި، ތިޔަބައިމީހުންގެ އުންމަތް އެއްވެސް ކުރިއެރުމެއް ނެތި އޮތް ތަނުގައި އޮތީ ކީއްވެގެންތޯ ސުވާލުކުރާށެވެ.

އަޅުގަނޑުމެންގެ ހާލަތު ގިނަ ފަހަރަށް ހުންނަނީ ފަރުބަދައެއްގެ މަތީގައި ހުރި މީހަކު، އެހެން މީހަކު އެ ފަރުބަދައިގެ ކުރިއަށް އަރާތަން ބަލަން ހުރެފައި، އޭނާ މަތީގައި ހުންނަން ޖެހުނު ސަބަބަކީ ކުރިން އެރި މީހާގެ ސަބަބުން ކަމަށް ހީކުރާ ހީކުރުމާ އެއްފަދަ ގޮތަކަށެވެ. އެ ފަރުބަދައިގެ ކުރީގައި އެކަކަށްވުރެ ގިނަ މީހުންނަށް ޖާގަ އޮތްކަމާއި، އެމީހާގެ ކުރިމަތީގައި މަގު ބަންދުވެފައި ނެތްކަން އޭނާއަށް ނޭނގެނީއެވެ. އޭނާ މައްޗަށް އެރުމަށް ހުރަސް އެޅީ އެހެން މީހުންގެ ފިޔަވަޅުތަކެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ އަމިއްލަ ފަސްޖެހުމާއި، ކަންނެތްކަމާއި، އަދި މައްޗަށް އަރަން ފެށުމުގެ ބަދަލުގައި، މައްޗަށް އަރާ މީހުންނަށް ބަލަން ހުރުމަށް ހުސްވެފައި ހުރި ހުރުމެވެ.

ޢިލްމީ މައިދާނަށް ނަޒަރު ހިންގަވައިލައްވާށެވެ. އުންމަތްތައް ކުރިއަރައި ގޮސްފައިވަނީ އެހެން ބަޔަކަށް ލިބިފައިނުވާ ފަދަ ޚާއްޞަ ސިކުނޑިތަކެއް އެބައިމީހުންނަށް އުޑުން ދެއްވައިފައިވުމުން ހެއްޔެވެ؟ ނޫނީ، އެބައިމީހުން މަދަރުސާތަކަކީ ސިކުނޑިތައް ބިނާކުރާ ކާރުޚާނާތަކަކަށް ހަދައި، ޔުނިވަރސިޓީތަކަކީ ދިރާސާކުރުމުގެ މަރުކަޒުތަކަކަށް ހަދައި، އަދި ލެބޯޓްރީތަކަކީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ މަސައްކަތްތެރިކަމުގެ ބިނާތަކަކަށް ހެދުމުން ހެއްޔެވެ؟

މި އުންމަތްތަކަށް ވިސްނިފައިވާ ޙަޤީޤަތަކީ، އަސްލު މުއްސަނދިކަމަކީ ބިމުގެ އަޑީގައިވާ އެއްޗެއް ނޫން ކަމާއި، އެއީ އިންސާނާގެ ސިކުނޑީގައިވާ އެއްޗެއް ކަމެވެ. އެއީ މައުދަނު ނަގާ ކޮނޑުތަކެއްގައި ހުރި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހިލައިން ޢިލްމު އުފަންކުރުވާ، ޢިލްމުން ބާރުވެރިކަން ހޯދާ، އަދި އެ ބާރުވެރިކަމުން މަތިވެރި ތަހުޒީބެއް ބިނާކުރާނެ ގޮތް ދަންނަ ސިކުނޑިތަކެވެ.

ސިޔާސީ މައިދާނަށް ބަލައިލަމާ ހިނގާށެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ނުފޫޒަކީ އިއްތިފާގަކުން ލިބިފައިވާ އެއްޗެއް ނޫނެވެ. އަދި އެއީ ވަގުތުތަކުގެ ތެރެއިން މީހަކު ބޭނުންވުމުން ހަދިޔާއަކަށް ލިބޭ އެއްޗެއްވެސް ނޫނެވެ. އެއީ ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ހިންގުމާއި، އަދި ރައްޔިތުންގެ ކިބައިން އިޙްތިރާމްކުރުމަށް އެދުމުގެ ކުރިން ދައުލަތުން އިޙްތިރާމްކުރާ ޤާނޫނުތަކުގެ ނަތީޖާއެވެ. ޒަމާނީ ދައުލަތެއް ހަމައެކަނި ފޮނި ވާހަކަތަކެއްގެ މައްޗަކަށް ބިނައެއް ނުކުރެވޭނެއެވެ. އެއީ އިމާރާތެއްގެ ރީތިކަން ހަމައެކަނި އޭގައި ކުރަހާފައި ހުންނަ ކުރެހުންތަކަށް ބިނާނުވާ ފަދައިންނެވެ. ދައުލަތް ބިނާވެގެންވަނީ ވަރުގަދަ ބިންގަލެއްގެ މައްޗަށެވެ. އެއީ ބޮޑު ގަހެއްގެ މޫތައް ބިމުގެ އަޑިއަށް ފުންކޮށް ފެތުރިފައިވާ ފަދައިންނެވެ.

ޢަސްކަރީ ބާރުވެރިކަމުގެ މައިދާނަށް ބަލާއިރު، އެއްދުވަސްވަރެއްގައި ބާރުވެރިކަމުގެ ނިޝާނަކީ ކަނޑިއެވެ. އޭގެ ފަހުން ބޮޑުބަޑިއެވެ. ނަމަވެސް މިއަދު ބާރުވެރިކަން އުފަންވަނީ ހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ކުރިން ލެބޯޓްރީތަކުގެ ތެރެއިންނެވެ.

ޔުނިވަސިޓީތަކަކީ ދިފާޢީ ނިޒާމުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. ދިރާސާވެރިޔާއަކީ ޤައުމުގެ ސިފައިންގެ މީހަކަށް ވެއްޖެއެވެ. އަދި ޢިލްމީ ފޯމިއުލާތަކަކީ ހަނގުރާމަމަތީ ބޯޓުފަހަރާއި، މަތިންދާބޯޓާއި، މިސައިލަށްވުރެ ކުޑަ ނޫން ނުފޫޒެއް ފޯރުވާ އެއްޗަކަށް ވެއްޖެއެވެ. މި ޒަމާނުގައި ބާރުވެރިވާން އެދޭ މީހާ، ހަމައެކަނި ހަތިޔާރު ގަތުމުން ފުދޭކަށް ނެތެވެ. އޭގެ ބަދަލުގައި، އެ ހަތިޔާރު އުފައްދާނެ ސިކުނޑީގެ މިލްކުވެރިޔާއަށް އޭނާ ވާންޖެހެއެވެ.

އިޤްތިޞާދަށް ނަޒަރު ހިންގަވާލައްވާށެވެ. ދުނިޔޭގެ ކުރީ ސަފުގައި ތިބި އުންމަތްތައް އެ ހިސާބަށް ދިޔައީ އެބައިމީހުންނަކީ އެންމެ ވަޞީލަތްތައް ގިނަ ބަޔަކަށް ވީތީއެއް ނޫނެވެ. ނަމަވެސް، އެބައިމީހުންނަކީ ޢިލްމާއި، ތަރުތީބާއި، އަދި އަޚްލާޤީ ސާދާކަމުގެ ގޮތުން އެންމެ މުއްސަނދި މީހުން ކަމުގައި ވީތީއެވެ. ވަޞީލަތްތައް މަދު ކިތަންމެ ޤައުމެއް، އެ ޤައުމުގެ ދަރިންގެ ސިކުނޑީގެ ބޭނުން ހިފައިގެން މުއްސަނދިވެފައި އެބަހުއްޓެވެ. އަދި ޚަޒާނާތަކުން ފުރިފައިވާ ކިތަންމެ ޤައުމެއް، ހިންގުންތެރިކަން ނެތުމާއި ދުރުވިސްނުމެއް ނެތުމުގެ ސަބަބުން ފަޤީރުވެފައި އެބަހުއްޓެވެ.

މި ޒަމާނުގައި މުއްސަނދިކަމަކީ ހަމައެކަނި ބިމުން ނަގާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޢިލްމާއި، އައު އީޖާދުތަކާއި، އަދި އުފެއްދުންތެރިކަމުގެ ތެރެއިން ހޯދައިގަނެވޭ އެއްޗެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ސިފަކުރެވެނީ، ދިގު މުއްދަތަކަށް އޭނާގެ ދަނޑަށް އަޅާނުލައި ދޫކޮށްލި ދަނޑުވެރިއެއްގެ މިސާލުންނެވެ.

އޭގެ ސަބަބުން އެ ބިން ހިކި، ގަސްތައް މޯޅިވެފައި ވަނިކޮށް، އަވަށްޓެރިންގެ ފެހިކަން ގަދަ ބަގީޗާތަކަށް ބަލައި އޭނާ ސުވާލުކުރެއެވެ: "އެމީހުންގެ ބަގީޗާތަކުން މޭވާ ލިބިފައި، އަހަރެންގެ ބަގީޗާއިން މޭވާ ނުލިބުނީ ކީއްވެ ހެއްޔެވެ؟" ނަމަވެސް، މައްސަލައަކީ އެހެން މީހުންގެ ބިންތަކުގެ މޮޅުކަން ނޫން ކަމާއި، އޭނާގެ އަމިއްލަ ބިން ކޮށައި، ފެންދީ، ބަލަހައްޓާފައި ނުވުންކަން އޭނާގެ ހިތުގެ އަޑިން ގަބޫލުކުރެއެވެ.

އަޅުގަނޑުމެންގެ ނާކާމިޔާބީގެ ސަބަބުތައް އަމިއްލަ ނަފްސުގެ ބޭރުން ހޯދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ބައެއް ފަހަރު އެހެން މީހުންގެ ރޭވުންތަކާއި މަކަރުވެރިކަމަށް އިނގިލި ދިއްކުރާއިރު، އަނެއްބައި ފަހަރު ދިމާވަނީ ހަތުރުންގެ ބާރުގަދަކަމާއެވެ. އަދި ބައެއް ފަހަރު ދުނިޔެއަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަމެވެ. ޝައްކެއްވެސް ނެތް ގޮތުގައި، އުންމަތްތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެއެވެ. މަސްލަހަތުތައް ފުށުއަރާނެއެވެ. ބާރުގަދަ މީހުން އެމީހުންގެ ބާރު އިތުރުކުރަން މަސައްކަތްކުރާނެއެވެ.
ނަމަވެސް، ދިރިހުރި އުންމަތްތަކުން އެކަންކަމަކީ ކަންނެތްވުމަށް ދައްކާ އުޒުރަކަށް ނުވަތަ ފަސްޖެހުމަށް ދައްކާ ބަހަނާއަކަށް ނުހަދައެވެ. އެފަދަ އުންމަތްތަކުން ހަގީގަތާ ކުރިމަތިލައި، އަމިއްލަ ނަފްސާ ސުވާލުކުރެއެވެ: "އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟" އެއީ "އެހެން މީހުން އަހަރެމެންނަށް ކުރީ ކީއް ހެއްޔެވެ؟" މި ސުވާލުގެ ބަދަލުގައެވެ.

އުންމަތަކަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ކަމަކީ، އެބައެއްގެ މުސްތަގުބަލާ މެދު އޮންނަންޖެހޭ ޒިންމާދާރުކަމުގެ އިހުސާސް ގެއްލުމެވެ. އެހިސާބުން، އެ އުންމަތަކީ ތާރީޚު ބައްޓަންކުރާ ބައެއްގެ ބަދަލުގައި، ތާރީޚު ހިނގަމުންދާ ގޮތް ބަލަން ތިބޭ ބަޔަކަށް ބަދަލުވެއެވެ. އަދި ކަންކަން ހިންގާ ބައެއްގެ ބަދަލުގައި، ކަންކަން ކުރެވޭ ބަޔަކަށް ވެގެންދެއެވެ.

އެހެން ނަމަވެސް، އެބައެއްގެ މުސްތަގުބަލު ބިނާވެފައިވަނީ އަމިއްލަ އަޒުމުގެ މައްޗަށް ކަމަށް ގަބޫލުކުރާ އުންމަތްތަކުން، އެހެން މީހުންގެ ކުރިއެރުމަކަށް ބިރެއް ނުގަންނާނެއެވެ. އެއީ ކުރިއެރުމުގެ މަގު އަދިވެސް އޮތީ އެމީހުންގެ ކުރިމަތީގައި ހުޅުވިފައިކަން އެމީހުން ދަންނާތީއެވެ.

މީގެ މާނައަކީ އެހެން އުންމަތްތަކުން ހޯދާފައިވާ ކާމިޔާބީތަކަށް ލޯ މަރާލުމެއް ނޫނެވެ. ނުވަތަ އެމީހުންގެ ތަޖުރިބާތަކުން ދަސްކުރުމަށް ފަސްޖެހުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، އެހެން މީހުންނާ މެދު ޙަސަދަވެރިވާ މީހެއްގެ ނަޒަރުން ބެލުމުގެ ބަދަލުގައި، ދަރިވަރަކު ފިލާވަޅަކަށް ބަލާ ފަދައިން ބަލަންޖެހެއެވެ.

ހިކުމަތަކީ ވަކި ގައުމަކަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އިލްމަކީ ވަކި ނަސްލެއްގެ މިލްކެއް ނޫނެވެ. އަދި ތަރައްގީއަކީ ވަކި ބަޔަކަށް އެކަނި ޚާއްޞަވެފައިވާ އެއްޗެއްވެސް ނޫނެވެ. އެއްވެސް އުންމަތަކަށް އާރޯކަމެއް ލިބިފައިވަނީ، އުފެއްދުންތެރިވުމުގެ ކުރިން ނަކަލުކުރަން ދަސްކޮށްގެންނާއި، އުނގަންނައިދިނުމުގެ ކުރިން ރަނގަޅަށް އުނގެނުމުގެ ސަބަބުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެތައް ޒަމާނަކަށް ބަހުސްކުރެވި، އޭގެ ސަބަބުން މަގުއޮޅިފައިވާ މައިގަނޑު ސުވާލަކީ "އެހެން މީހުން ކުރިއަރައިގެން ދިޔައީ ކީއްވެގެންތޯ؟" މިއެވެ. ނަމަވެސް، އަޅުގަނޑުމެން ކުރަންވީ އަސްލު ސުވާލަކީ "އަޅުގަނޑުމެން ފަހަތަށް ޖެހުނީ ކީއްވެގެންތޯ؟" މި އެވެ.

މި ސުވާލަށް އިޚްލާޞްތެރިކަމާއެކު ޖަވާބުދީ، ޙަޤީޤަތާ ކުރިމަތިލާން ކެރޭ ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ކުރިމަތިލައިފިނަމަ، ތަހުޒީބާއި ކުރިއެރުމުގެ މަގަކީ ފޮރުވިފައިވާ ސިއްރެއް ނޫންކަމާއި، އަދި އެއީ ކުރަން ނުކުޅެދޭ ފަދަ މުޢުޖިޒާތެއް ނޫންކަން ވެސް އެނގިގެންދާނެއެވެ. އޭގެ ބަދަލުގައި، އެއީ ޢިލްމާއި، ޢަމަލާއި، އަޚުލާޤީ ހަމަތަކާއި، ކެތްތެރިކަމުގެ އިތުރުން ބުއްދީގެ ބޭނުންކުރުމަށް ދެވޭ އިޙްތިރާމެވެ.

ޤައުމުތައް ބިނާކުރެވެނީ ހަމައެކަނި ހުވަފެންތަކަކުން ނޫންކަމާއި، ކަނޑުގެ ރާޅުތަކުގެ މަތީގައި ނާފަހަރު ބިނާނުކުރެވޭ ފަދައިން، ތަހުޒީބީ އުންމަތްތައް ބިނާވަނީ ޢިލްމީ މަރުކަޒުތަކާއި، ދިރާސާކުރާ ލެބޯޓްރީތަކާއި، ދައުލަތުގެ ވަރުގަދަ މުއައްސަސާތަކުގެ ތެރެއިންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހެއެވެ.

ކުރިއެރުމުގެ މަގުގައި އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ، "އަޅުގަނޑުމެން ފަހަތަށް ދިޔައީ އެހެން މީހުން ކުރިއަރައިގެން ދިއުމުގެ ސަބަބުން" ކަމަށް ބުނެ ޒަމާނުއްސުރެ ދެކެމުން އައި ކުށްހީން އަޅުގަނޑުމެން ސަލާމަތްވުމެވެ. އަޅުގަނޑުމެން ފަހަތަށް ޖެހުނީ އެހެން ބަޔަކު ކުރިއަރައިގެން ދިއުމަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކުރިއެރުމުގެ ވަސީލަތްތަކާ އަޅުގަނޑުމެން ދުރުވުމުގެ ނަތީޖާއެވެ. އަދި އަޅުގަނޑުމެން ބަލިކަށިވީ އެހެން ބަޔަކު ވަރުގަދަވުމަކުން ނޫނެވެ. ނަމަވެސް އެއީ އަޅުގަނޑުމެންގެ ކިބައިގައި ހުންނަންޖެހޭ ޢަޒުމާއި، ޢިލްމާއި، އިންތިޒާމުތަކުގެ ބަލިކަށިކަމުންނެވެ.

މި ޙަޤީޤަތް ގަބޫލުކުރެވިއްޖެ ނަމަ، މުޅި ދުނިޔެ ކުށްވެރިކުރުން ދޫކޮށްލައި، އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އެހެން ޤައުމުތަކަށް ބަލަން ތިބުމުގެ ބަދަލުގައި އެމީހުންނާ ވާދަކުރުމަށާއި، ތާރީޚާ މެދު ޝަކުވާކުރުމުގެ ބަދަލުގައި ތާރީޚު ބަދަލުކުރާ ބަޔަކަށް އަޅުގަނޑުމެން ވާނެ އެވެ.

މަޞްދަރު: محمد أكرم الندوي އޮކްސްފޯޑް، 18 ޖޫން 2026
ތަރުޖަމާ: ޑރ. މޫސާ އަންވަރު ޙަސަން