Last Updated: June 23, 20:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

ޑާކް ރެއިނުން އާ ފިލްމެއްގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން މިއަދު އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަނުކުރާ ފިލްމުގެ ވަގުތީ ނަމަކަށް މި ވަގުތު ބޭނުން ކުރަނީ އެމްބީޑަބްލިއު އެވެ. ބެލެވޭ ގޮތުން މި ފިލްމުގެ އަސްލު ނަމަކީ މަގޭ ބިޓްގެ ވެޑިން (އެމްބީޑަބްލިއު) އެވެ. އެ ނަމުގައި 2016 ގައި ޑާކް ރެއިނުން ފިލްމެއް އިއުލާން ވެސް ކޮށްފައިވެ އެވެ. ނަމަވެސް މީގެ ޑައިރެކްޓަރާއި ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

އެކަމަކު ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހު ޑާކް ރެއިނުން ވަނީ ހާމަކޮށްފަ އެވެ. އެއީ ސެޕްޓެމްބަރު 3 އެވެ. އޭގެ އެއް މަސް ކުރިން ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު އޮލިމްޕަހުގައި އަޅުވާނެ އެވެ. އެއީ އޮގަސްޓް 3 އަށް ތާވަލުކޮށްފައިވާ 'ޖަންނަތު' އެވެ. މިއީ އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ.

ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި އަލްވަދާއު އެވެ. މިދިޔަ އަހަރު އެ ސްޓޫޑިއޯގެ ދެ ފިލްމެއް އެޅުވި އެވެ. އެއީ 'އަލްވަދާއު' ގެ އިތުރުން 'އަލިފާން' އެވެ.

މިއަދު ޝޫޓިން ފެޑި ޑާކް ރެއިންގެ އާ ފިލްމަކީ އެ ސްޓޫޑިއޯގެ 43 ވަނަ ޕްރޮޖެކްޓެވެ.