އަމިއްލަ ޕާޓީ، ލޭބާ ޕާޓީގެ ތެރެއިން ކުރިމަތިވަމުން އައި ޕްރެޝަރުތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ މިއަދު އިސްތިއުފާ ދެއްވާނެ ވާހަކަ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވެ އެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ސްޓާމާ ވިދާޅުވީ ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ. އަދި އޭނަގެ ޕާޓީން މިހާރު ބޭނުންވާ ގޮތަށް ޕާޓީގެ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވައި ސަރުކާރުގެ ބަދަލުކުރުމުގެ މަރުހަލާ ވަރަށް އޮމާން ގެންދަވަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ސްޓާމާ، 63، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 2020 ގެ ފަހުން ލޭބާ ޕާޓީ އަށް ވެރިކަމަށް އާދެވުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތް މި ފަހުން ފާހަގަ ކުރެވިފައި ވަނީ ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުންދާ ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން 2016 ގެ ފަހުން މިހާތަނަށް ބޮޑުވަޒީރު ކަމަށް ހަ ބޭފުޅަކު ވަޑައިގެންފައިވެ އެވެ.
ސްޓާމާގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވީ އެއް އަހަރާއި 255 ދުވަހަށް އެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ރިޝީ ސުނަކެވެ. މި ފަހުން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ކުރު މުއްދަތަކަށް އެ މަގާމު ފުރުއްވީ އެންމެ 50 ދުވަހަށް މަގާމުގައި ހުންނެވި ލިޒް ޓްރަސް އެވެ.