Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވަޒީފާ ބަހައިގެންނާއި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭކަމީ މާޒީއިން ފެންނަން އޮތް ޙަޤީގަތެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރާއިރު، އެއިން ކޮންމެ މީހަކާ ގުޅިފައިވާ ޢާއިލާއެއް އޮންނަކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިންނަވަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މީހުން ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ވަނީ މާލޭގައި މުޒާހަރާއެއް ބާއްވާފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި މި ސަރުކާރުން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފަ އެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.