Last Updated: June 23, 20:16
Tuesday, June 23, 2026
ރިޕޯޓް

ހައްދުފަހަނައެޅުމާއި ކާފަރުކުރުން: ޙަޤީޤަތް، ސަބަބުތައް އަދި ފަރުވާ

بسم الله الرحمن الرحيم. الحمد لله والصلاة والسلام على رسول الله. أما بعد:

މިއީ ތަކްފީރުކުރުމާއި، ހަރުކަށިކަމާއި، ހައްދުފަހަނަޅައި ދިއުމުގެ ހަގީގަތާއި، އޭގެ ސަބަބުތަކާއި އަދި އެކަމަށް އޮތް ފަރުވާއާ ގުޅޭ ގޮތުން ލިޔެވިފައިވާ ބައެއް ޚިޔާލުތަކާއި ފިކުރުތަކެވެ.

ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ފަސްމަގާއި އަސްލުތައް (ޢިލްމީ އަދި ތާރީޚީ ބިންގާ):

ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ އޮށް އިންދިފައިވަނީ ކުރީގެ ޒަމާންތަކުގައި އުޅުނު ޖާހިލު އަޅުވެރިންނާއި، އަމިއްލަ އެދުންތަކަށް ތަބާވި މީހުންނާއި، މުނާފިގުންނާއި ޒިންދީގުންގެ ތެރޭގައެވެ. މިކަމުގެ ޝިކާރައަކަށްވީ ދީނަށް ލޯބިކުރާ، ޖަޒުބާތުގައި ޖެހިފައިވާ ޒުވާން ކުދިންނެވެ. އެއީ ނަބިއްޔާ ސިފަކުރެއްވި ފަދައިން ;حدثاء الأسنان; (ޅަފަތުގެ ޒުވާނުން) ނެވެ. އެކުދިންނަކީ ދީނުގެ ފަހުމް ކުޑަ، ދިރިއުޅުމުގެ ތަޖުރިބާ މަދު، އަދި ބުއްދި ފުރާފުރިހަމަނުވާ ކުދިންނެވެ. އަދި އާއި އެކަލާނގެ ރަސޫލާ އަމުރުކުރައްވާފައިވާ ފަދައިން، ޢިލްމުވެރިންނާއި ދީނުގެ ފުންނާބު އުސް ބޭފުޅުންގެ ގާތަށް އެކުދިން ރުޖޫޢައެއް ނުވެއެވެ.

މި ދެ ބައިމީހުންގެ ތެރެއިން އެންމެ ފުރަތަމަ ;ޚަވާރިޖުން; އުފެދުނެވެ. އެމީހުން މީސްތަކުންގެ ލޭ ހަލާލުކުރުމުން، އަސްހާބު ބޭކަލުން އެމީހުންނާ ބަހުސްކުރައްވައި ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އެމީހުންނާ ހަނގުރާމަ ކުރެއްވި އެވެ. ހަމަ އެފަދައިން ޝީޢީންނާއި ބިދުޢަވެރި ސޫފީންގެ ބިންގާ ވެސް އެޅުނީ މި ސަބަބުތަކާ ހުރެ އެވެ.

ނަބިއްޔާ ޚަބަރުދެއްވާފައިވާ ގޮތުގައި، ފަހުޒަމާނުގައި ބުއްދި ގޯސް، ވިސްނުން ކޮށި، ބަސްމަގު ރީތި ބަޔަކު ނުކުންނާނެ އެވެ. އެމީހުން ބިމުގައި ފަސާދަ އުފައްދާތީ އެމީހުންނާ ހަނގުރާމަކުރުމަށް އިތުރު އެކަލޭގެފާނު އަމުރުކުރެއްވި އެވެ.

ހަރުކަށިކަމާއި ފަސާދައިގެ މި އޮއިވަރަކީ ކޮންމެ އިސްލާހީ ހަރަކާތަކާއެކު ނުވަތަ ދަޢުވަތަކާއެކު ވެސް ނުބައި ސިފައެއްގައި ފާޅުވެދާނެ ކަމެކެވެ. މިއީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ.

އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ އިސްލާހީ ދަޢުވަތާއި ސައުދީ ދައުލަތް އުފެދިގެން އައިއިރު ވެސް މިފަދަ ހަރުކަށި އުސޫލުތައް ގެންގުޅުނު ބަޔަކު އުޅުނެވެ. ނަމަވެސް އެއީ އެ ދަޢުވަތުގެ ނުވަތަ ދައުލަތުގެ އުސޫލެއް ނޫނެވެ. އެ ދަޢުވަތަކީ ސުންނަތުގެ މައްޗަށް ބިނާވެފައިވާ، ހައްދުފަހަނަޅައިދިއުމާއި އަނިޔާވެރިކަމުން ބަރީއަވެގެންވާ ދަޢުވަތެކެވެ. ބައެއް ޖާހިލުންނާއި ބިދުޢަވެރިން މިކަމަކީ އެ ދަޢުވަތުގެ ނަތީޖާއެއް ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ހުރި ދޮގެކެވެ.

ކިންގް ޢަބްދުލްޢަޒީޒުގެ ޒަމާނުން ފެށިގެން މިފަދަ ހަރުކަށި ފިކުރުތަކާ ކުރިމަތިލާފައިވަނީ ޙިކުމަތްތެރިކަމާއި ވަރުގަދަ ފިޔަވަޅުތަކާ އެކުގައެވެ. ހިޖުރައިން 1400 ވަނަ އަހަރު ޙަރަމްފުޅަށް ވަދެގަތް މީހުންނާއި، އޭގެ ފަހުން ފާޅުވި ތަކްފީރުކުރުމާއި، ލޭ ހަލާލުކުރުމާއި، ޢިލްމުވެރިންނާއި ވެރިންނާ ދެކޮޅުވެރިވުމުގެ ފިކުރުތަކަކީ މީގެ ހިތްދަތި މިސާލުތަކެވެ.
ދީނާއި، ޖިހާދާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ;އަލްވަލާޢު ވަލް ބަރާޢު; ފަދަ މަތިވެރި ސުރުޚީތަކުގެ ނިވާފަތްގަނޑުގައި ތިބެ، ބައެއް މީހުން ދަނީ ދީނުގެ އަސާސްތަކާއި ގައުމީ ސަލާމަތް ހަލާކުކުރަމުންނެވެ. މިއީ ދައުލަތާއި، ޢިލްމުވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން އަވަސް ފަރުވާއެއް ހޯދަންޖެހިފައިވާ ބޮޑު ފަސާދައެކެވެ.

ހައްދުފަހަނަޅައި ދިއުމުގެ އެންމެ މުހިންމު ސަބަބުތައް:

1. ގެ ޝަރީޢަތާ ދުރަށްދިއުމާއި، ފާފަތަކާއި މުންކަރާތްތައް ގިނަވުން. މިއީ ހުރިހާ ފިތުނައެއްގެ އަސްލެވެ.
2. ދައުލަތުގެ ނިންމުންތަކާއި ގަވާއިދުތައް، ދީނީ އަސާސްތަކާއި ޢިލްމުވެރިންގެ ފަތުވާތަކާ ގުޅުވައިގެން
ބަޔާންކޮށް ދިނުން ކުޑަވުން.
3. މީޑިއާގެ ބަސްމަގު ބަލިކަށިވުން: ދައުލަތުގެ ނިންމުންތަކުގެ ދީނީ ފަސްމަގު ރަނގަޅަށް ސާފުކޮށް ނުދެވޭތީ، މީސްތަކުންގެ މެދުގައި އިތުބާރު ކުޑަވުން.
4. ބައެއް ހައްސާސީ ކަންކަމުގައި ދައުލަތުގެ ސިޔާސަތު ސާފުނުވުން: މިސާލަކަށް، މުސްލިމް ނޫން މީހުން ގައުމުގައި ތިބުމާއި، ބައެއް ބައިނަލްއަގުވާމީ މުއާހަދާތަކާއި، ބޭންކިންގ ނިޒާމު ފަދަ ކަންކަމުގައި ދީނީ ރައުޔު ސާފުކޮށްނުދެވުމުން، ހައްދުފަހަނަޅައިދާ މީހުންނަށް އޮޅުވާލުމުގެ ފުރުސަތު ލިބެއެވެ.
5. މުޖުތަމައު ނުރުހޭ ފަދަ ބައެއް ކަންކަން ފާޅުވުން: މީޑިއާތަކުގައި ދީނަށް ފުރައްސާރަކުރުމާއި، ސަލަފުއްޞާލިޙުންނަށް ބަދުބަސް ބުނާ ލިޔުންތައް ޝާއިޢުކުރުން. މިއީ ހަރުކަށި ފިކުރުގެ މީހުން ޒުވާނުންގެ ޖަޒުބާތާ ކުޅުމަށް ބޭނުންކުރާ ހަތިޔާރެކެވެ.
6. އިޖުތިމާޢީ ބަދަލުތައް އަވަސްވުން: މަސްހުނިވުން އިތުރުވުމާއި، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ ނިޒާމު ބަލިކަށިވުން.

މުހިންމު ނޯޓެއް: ކިޔަވައިދޭ މުގައްރަރުތަކުގެ ސަބަބުން ހަރުކަށިކަން އުފެދޭ ކަމަށް ބުނާ ބުނުމަކީ ދޮގެކެވެ. މުގައްރަރުތައް ބިނާވެފައި ވަނީ މެދުމިނުގެ އުސޫލުގެ މައްޗަށެވެ.

7. ދީނީ ޢިލްމު ކުޑަވުން ނުވަތަ ނުބައި މަގަކުން ޢިލްމު އުނގެނުން.
8. އަމިއްލަ އެދުމާއި ބައިބައިވުންތަކަށް ތަބާވުން.
9. ޢިލްމުވެރިންނާ ދުރުވުމާއި، ފިތުނަވެރި މީހުންގެ ބަސް ގަބޫލުކުރުން.
10. ބޮޑާކަމާއި، ޢިލްމުވެރިންނަށް ކުޑައިމީސްކުރުން.
11. އުމުރުން ހަގުވުމާއި، ތަޖުރިބާ މަދުވުމާއި، ބުއްދިއަށްވުރެ ޖަޒުބާތު އިސްކުރުން.
12. މުޖުތަމައުގައި އަނިޔާވެރިކަމާއި ފަސާދަ އާންމުވުން.
13. އިގްތިސާދީ އަދި ސިޔާސީ ހާލަތާ މެދު ނުރުހުންތެރިވުން.
14. ދީނުގެ ދުޝްމަނުންގެ ފުރައްސާރައާއި ރޭވުންތައް.
15. ދަޢުވަތު ދިނުމުގައި ކެތްތެރިކަމާއި ޙިކުމަތް މަދުވުން.

މި ޒަމާނުގައި ހައްދުފަހަނަޅައި ދިއުން އިތުރުވާ ސަބަބުތައް:

1. މުސްލިމުން ދީނާ ދުރަށްދިއުމާއި، ބިދުޢަތަކާއި ޢަލްމާނީ ފިކުރުތައް ފެތުރުން.
2. ޢަދުލުއިންސާފު ގެއްލި، އަނިޔާވެރިކަން އާންމުވުން.
3. މުސްލިމުންގެ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުގަދަ ބާރުތަކުން ވަދެގަތުން.
4. ދީނަށް އުޅޭ މީހުންނަށް ދަތިކުރުމާއި، ފާސިގުންނަށް ފުރުސަތު ދިނުން.
5. ދަޢުވަތުދޭ ޖަމާޢަތްތަކުގެ އުސޫލުތަކުގައި ހުންނަ އުނިކަންކަން (ޖަޒުބާތީވުން).
6. މީޑިއާގެ ފަސާދަ: ދީނާ ދެކޮޅަށް މީޑިއާ ބޭނުންކުރުން.

ފަރުވާ (ހައްލު):

މި ނުރައްކާތެރި ފިކުރުތަކަށް ފަރުވާ ހޯދުމުގައި އަންނަނިވި ކަންކަމަށް އިސްކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ:
ސާފުކަމާއި ދެފުށް ފެންނަ ސިޔާސަތު: ތަކްފީރުކުރުމާއި، ހަރުކަށިކަމާއި، ހައްދުފަހަނަޅައި ދިއުމުގެ މައްސަލަތަކާއި އޭގެ ސަބަބުތައް ހާމަކަން ބޮޑު ގޮތެއްގައި މުޖުތަމައުގައި މަޝްވަރާކުރަންޖެހެއެވެ. މިކަންކަން މިހާރު ވަނީ މީޑިއާ އާއި އިންޓަނެޓްގެ ޒަރީޢާއިން މުޅި މުޖުތަމައަށް ފެތުރިފަ އެވެ.
ދީނީ އަސާސްތަކާއި އޭގެ ނުބައި ތަރުޖަމާ ވަކިކުރުން: ޖިހާދުކުރުމާއި، ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާއި، ;އަލްވަލާޢު ވަލް ބަރާޢު; ފަދަ ކަންކަމަކީ ދީނުގައި އޮތް ޞައްޙަ އަސާސްތަކެކެވެ. ނަމަވެސް މިކަންކަން އޮޅުވާލައިގެން ބޭނުންކުރާ ގޮތް ސާފުކޮށް ދޭން ޖެހެ އެވެ. ހައްދުފަނަޅައިދާ ކޮންމެ މީހަކީ ޚަވާރިޖެއް ނޫނެވެ. އަދި ހުރިހާ މުޖާހިދުންނަކީ ތަކްފީރުކުރާ ބައެއް ނޫނެވެ. މި ކަންކަން އެކުލަވާލުމުން މީސްތަކުންގެ މެދުގައި އޮޅުންތައް އުފެދެއެވެ.

ހައްސާސީ މައްސަލަތަކަށް ދީނީ ޖަވާބު ދިނުން: ދައުލަތުގެ ބައެއް ނިންމުންތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި، ބޭންކިންގ ނިޒާމު ފަދަ ކަންކަމުގައި ދީނީ ގޮތުން އޮތް ހަމަތައް ސާފުކޮށްދޭންޖެހެއެވެ. ދައުލަތުގެ ނިންމުންތަކަކީ ދީނާ ޚިލާފު ނިންމުންތަކެއް ނޫންކަން ދަލީލުތަކާއެކު ބަޔާންކޮށްދިނުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ޙިކުމަތްތެރިކަމެވެ.

ޝުބުހަތަކަށް ރައްދު ދިނުން: ހައްދުފަހަނަޅައިދާ މީހުން ފަތުރާ ވަހުމްތަކާއި ދޮގުތަކަށް ޢިލްމީ ގޮތުން ރައްދު ދޭން ޖެހެ އެވެ.

މިގޮތުން އަންނަނިވި އަސާސްތައް ކަނޑައަޅަން ޖެހެ އެވެ:

*އިސްލާމީ ވެރިޔާއަށް ކިޔަމަންވުމުގެ މުހިންމުކަން.
*ބައިޢަތުގެ ހަގީގަތާއި އޭގެ ލާޒިމުކަން.
*ޢިލްމުވެރިންނަކީ ކަންކަމުގައި ރުޖޫޢަވާންޖެހޭ މަރްޖިޢު ކަމުގައި ހެދުން.
*އުންމަތުގެ މަޞްލަޙަތު އިސްކުރުމާއި ފަސާދަ ނައްތާލުން.
* އަމަންއަމާންކަން ގާއިމުކުރުމަކީ ދީނީ ވާޖިބެއްކަން ސާފުކޮށްދިނުން.

ޢިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތައް: ޔުނިވަރސިޓީތަކާއި ދީނީ މުއައްސަސާތައް މެދުވެރިކޮށް، ހަރުކަށި ފިކުރާ ދެކޮޅަށް ދިގު މުއްދަތުގެ މަޝްރޫޢުތައް ހިންގަންޖެހެ އެވެ. މީހުންގެ ފިކުރު އިސްލާހުކުރާ މީހުންނަށް ދައުލަތުން ހިތްވަރުދީ އިނާމު ދޭން ޖެހެ އެވެ.
މަޝްވަރާގެ ދޮރު ހުޅުވާލުން: ޢިލްމުވެރިންނާއި، ދަޢުވަތުދޭ ބޭފުޅުންނާއި، ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ. ޒުވާނުންނަށް ޢިލްމުވެރިންނާ ބައްދަލުކޮށް ސުވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.
ޚާއްޞަ މަރުކަޒުތައް އުފެއްދުން: ފިކުރީ ހަރުކަށިކަމާ ބެހޭ ދިރާސާތައްކޮށް، އެކަމަށް ފަރުވާދޭނެ ރަސްމީ އަދި ނުރަސްމީ މަރުކަޒުތައް ގާއިމުކުރަން ޖެހެ އެވެ.
ފަތުވާ ދިނުމުގެ ދާއިރާ ފުޅާކުރުން: ހަމައެކަނި މަދު ބަޔަކަށް ފަތުވާ ދިނުން ހަނިނުކޮށް، އިތުބާރު ހުރި ގިނަ ޢިލްމުވެރިންނަށް އެ ފުރުސަތުދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރެވޭނެ ގޮތް ހަދަންޖެހެއެވެ.
މުވައްޒަފުން ތަމްރީނުކުރުން: ދައުލަތުގެ މަދަނީ އަދި އަސްކަރީ އިސް މުވައްޒަފުންނަށް ދީނުގެ އަސާސްތަކާއި، ހަރުކަށި ފިކުރުތައް ދެނެގަންނާނެ ގޮތުގެ ތަމްރީނު ދޭންޖެހެ އެވެ.
ހަރުކަށި މީހުން އިސްލާހުކުރުން: ޖަލުތަކުގައާއި އެނޫން ތަންތަނުގައި ތިބި މީހުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުން.

އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޢިލްމީ މެސެޖުތައް ފޯރުކޮށް ދިނުން:

ޒުވާނުންގެ ހަކަތަ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފުރުސަތު ދިނުން:

މީޑިއާ އިސްލާހުކުރުން: ދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ޕްރޮގްރާމްތައް ހުއްޓުވަންޖެހެއެވެ. ސަބަބަކީ މިފަދަ ކަންކަމަކީ ޒުވާނުން ހަރުކަށި ފިކުރަށް ދިއުމަށް މަގުފަހިކުރާ އެންމެ ބޮޑު އެއް ސަބަބު ކަމަށްވާތީ އެވެ.
ނިންމާލަމުން ދަންނަވާނީ، ހައްދުފަހަނަޅައި ދިއުމުގެ މައްސަލައަކީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. މީގައި އެންމެ މުހިންމީ ޢިލްމީ ބަހުސާއި، ޙިކުމަތްތެރި މަޝްވަރާއާއި، އަދި ހަރުކަށިކަން އުފެދެން މެދުވެރިވާ ސަބަބުތައް ނައްތާލުމެވެ.

ނޯޓް: މި ލިޔުމަކީ ޑރ. ނާސިރު އަލްޢަޤްލު ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު