ވެރިކަން ކުރާ ޕީއެންސީ ބައިބައިވުމަށް ފުރުސަތު ނުދިނުމަށް ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.
އެ މަޅީގައި ކުރިން ވެރިކަން ކުރި 3 ޕާޓީ ކަމަށްވާ ޑީއާރްޕީ އާއި ޕީޕީއެމް އަދި އެމްޑީޕީ ޖެހުނު ކަމަށާއި އޭގެހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"މިހާރު ޓާގެޓަކަށް ވާނީ ޕީއެންސީ، އެކަމަަށް ހުޝިޔާރުވާންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ މި ޤައުމަށްޓަކައި ޕީއެންސީގެ ލީޑާޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުޞަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވެފަ އެވެ.