Last Updated: June 25, 06:05
Thursday, June 25, 2026
ޚަބަރު

އިމާމުކަމާ ގުޅޭ އިމްތިހާނެއް ތައާރަފުކުރަން މަޝްވަރާކުރަނީ

ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި އާއްމުކޮށް، އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން މިކަމުގައި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.