ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެކަމަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޕީއެންސީގެ މެމްބަރުން، ލީޑާޝިޕް، ޕާލަމެންޓްރީ ގްރޫޕް އަދި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށާއި އެއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމާއި،
އެމަނިކުފާނުގެ ފަހަތްޕުޅުގައި ރާއްޖެއަށް ހަމަޖެހުން، ތަރައްޤީ އަދި ކުރިއެރުން ގެނައުމަށް ކުރައްވާ މިތްނެތް މަސައްކަތްޕުޅުގައި ބައިވެރިވުމާއި، އެ އަމާޒުތައް ޙާޞިލްކުރުމުގައި އެވަގުތެއްގައި ހަވާލުކުރެެއްވި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ކޮށް ނަތީޖާ ނެރުން ކަމަށެވެ.
"މިކަންކަން ހަޖަމުކުރުމުގައި ދަތިފުޅުވާ އިދިކޮޅު ބައެއް ފަރާތްތަކަށް ދަންނަވާލަން. ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެކަމަކަށް ބަދަލެއް ނާދޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ލީޑަޝިޕުގައި ޕާޓީ ބޮޑުވެ އިތުރަށް ވަރުގަދަވެ، މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށާއި ކުރު މުއްދަތަކުން އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރި އަދި މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫޢު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށްވެސް އެންމެ ދެ އަހަރާއި 6 މަހުން ވެއްޖެ. ރައީސް ޑރ މުޢިއްޒުގެ ޤާބިލް ލީޑަރޝިޕް މިވަރުން ޔަގީން ކަށަވަރު،" ސައީދު ވިދާޅުވި އެވެ.
ރާއްޖެއަށް މިވަގުތު ވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށާއި އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯލިޝަންގައި ވެރިއެއް ނުފެންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"ޗޮކުންދާތީ ފެންނަނީ. ތިޔަތަނުގައި އޮތީ ނަފްރަތާއި ކެހިވެރިކަން،" ސައީދު ވިދާޅުވި އެވެ.