ރަށަކުން ދިރިއުޅޭނެ ތަނެއް ލިބިފައިވާނަމަ އެ ރަށެއްގެ ރަށްވެއްސަކަށް އެދެވޭ ގޮތަށް ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އިސްލާހު ހުށަހެޅުމުގެ މަޤްސަދެއްކަމަށް ބިލްގައި ބުނެފައިވަނީ ރަށްވެހިކަން ބަދަލުކުރުމުގެ އޮނިގަނޑު މިޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ބަދަލުކޮށް ހަރުދަނާކުރުން ކަމަށެވެ. އަދި އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ދިރިއުޅޭނެ ބޯހިޔާވަހިކަން ހަމަޖެހިފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ހޯދުމުގައި ދިމާވާ ޤާނޫނީ ހުރަސްތައް ނައްތާލުން ކަމަށެވެ.
މި އިސްލާހުގައި ބުނީ ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފުލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެ ނޫންވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާނަމަ އެ ރަށެއްގެ ރަށްވެއްސަކަށްވުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު އެ މީހަކަށް ލިބޭ ކަމަށެވެ.
މިގޮތަށް އެދި ހުށަހަޅާ ފަރާތުން އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިއުންތައް ހުށަހެޅުމުން، އެ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
މިހާރު ޤާނޫނު އޮތްގޮތުން ރަށެއްގެ ރަށްވެހިކަން ލިބެނީ އެ ރަށެއްގައި ފަސް އަހަރު ދުވަހު ދިރިއުޅެފައިވާނަމަ އެވެ.