Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ޕެނަލްޓީ ނުޖެހުމުން ރުޅިއައި، މޮޅުވުމުން ވަރަށް އުފާވި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޭ އޮސްޓްރިއާއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ ނުޖެހުމުން ވަރަށް ރުޅި އައި ކަމަށް، އާޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ އާޖެންޓީނާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މި މެޗުގައި އާޖެންޓީނާ އިން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ މެސީ ކަމަށްވާއިރު، މި ދެ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ހަދައިފަ އެވެ. މެސީ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ޖުމްލަ 18 ގޯލު ކާމިޔާބުކޮށްފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން މެސީ ބުނީ މެޗުގައި ޕެނަލްޓީ ޖެހުނު ގޮތާއި މެދު ވަރަށް ރުޅި އައި ކަމަށާއި ޕެނަލްޓީ ފޮނުވާލެވުނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. ނަމަވެސް ޓީމުން ލީޑު ނަގައި، މެޗުން ތިން ޕޮއިންޓު ހޯދުމަކީ އެންމެ މުހިއްމު ކަންތައް ކަމަށާއި މި މެޗުން ލިބުނު މޮޅާއި މެދު ވަރަށް އުފާވާ ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ ރޭގެ މޮޅަކީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި މި މޮޅު ހޯދުނީ މުޅި ޓީމުން ވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވެސް ދަނީ ވަރަށް އެއްވަރު ގޮތަކަށް ކަމަށާއި އެގޮތުން ރޭގެ މެޗުން ވެސް އެކަން ފެނިގެންދިޔަ ކަމަށް މެސީ ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ޖޯޑަންއާ އެވެ.